ވިޔަފާރި

ގޯލްޑް 100 ގާލާގެ ދެވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާހުކޮށްފި


ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް، ބާއްވާ "ގޯލްޑް 100 ގާލާ" ގެ ދެވަނަ އެޑިޝަން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް ގެޓަވޭސްއާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި އިވެންޓް އޮންނާނީ އަންނަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހުއެވެ. ރާއްޖޭގައި އެކި ވިޔަފާރިކުރާ ފަރާތްތައް ކްރައިޓީރިއާކޮށް މާކެޓްގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ ގޯލްޑް 100 ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ގޯލްޑް 100 ގާލާ" ރަސްމީކޮށް އިފްތިތާހްކޮށް ކްރައިޓީރީއާ މިހާރުވަނީ އާންމުކޮށްފައެވެ. "ގޯލްޑް 100 ގާލާ" އާއިބެހޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް ގެޓަވޭސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޑރ.ހުސައިން ސަނީ ޢުމަރު ވިދާޅުވީ ގޯލްޑް 100 ގެ ތެރެއިން ރާއްޖޭގައި އެންމެ އެކްޓިވްކޮން އުޅޭ 100 ކުންފުނި އެންގިގެންދާނެކަމަށެވެ. އަދި ގޯލްޑް 100 ގާލާ ހަފްލާގެ ތެރެއިން 2 ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯށްވެސް ދޭނެކަމަށެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލް 100 އަށް ވިޔަފާރިތައް ނޮމިނޭޓްކުރުމުގެ ފުރުސަތު ސެޕްޓެމްބަރުމަހުގެ 24 އިން ފެށިގެންވަނީ ހުޅުވާލާފައެވެ. ކުންފުނިތައް ނޮމިނޭޓްކުރަން ބޭނުންނަމަ އޮންލައިންކޮށް ކުންފުނީގެ މައުލޫމާތުތައް ފޮނުވޭނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން މައުލޫމާތުދެއެވެ. އޭގެފަހުން ކުންފުނީގެ މައުލޫމާތު ބެލުމަށްފަހު ސީޓީއެލް ކޮންސަލްޓިންއިން ކުންފުނިތައް ތަރުތީބުކުރާނެއެވެ. އަންނަ އަހަރުގެ އިވެންޓު މި އަހަރުގެ އިވެންޓަށްވުރެ ތަފާތުވާނެކަމަށްވެސް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.

ގޯލްޑް 100 އަށް ނޮމިނޭޓްކުރާ ކުންފުނިތަކުގައި 4 ޝަރުތެއް ފުރިހަމަވާންޖެހޭނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން މައުލޫމާތުދެއެވެ. އޭގެތެރޭގައި އެ ކުންފުންޏަކީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށްވުމާއި، ރާއްޖޭގެ ކުންފުންޏަކަށްވުމުގެ އިތުރުން 31 ޑިސެމްބަރު 2012 ގެ ނިޔަލަށް ރަޖިސްޓްރީވެފައިވުން އަދި 2016 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި 10 މިލިއަން ރުފިޔާލިބުން ހިމެނެއެވެ. ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓުކުރާނެއެވެ. 2017 ވަނަ އަހަރު ރާއްޖޭގައި ބާރަހާހެއްހާ ކުންފުނި ވަނީ ރަޖިސްޓްރީކޮށްފައެވެ.