ފަރުދުންގެ ދުޅަހެޔޮކަމަށާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުލީ އެއްގަމު އުޅަނދުގެ ބަދަލުގައި ބައިސްކަލް ދުއްވުމާއި އެކަމުގެ ޝައުޤު އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ބައިކް މޯލްޑިވްސް އާއި ޕަބްލިކް ސަރވިސް މީޑިއާ "ޕީ.އެސް.އެމް"އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚާލީލެވެ. ބައިކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެޖަމްޢިއްޔާގެ ޗެއަރޕަރސަން ޒުލައިޚާ ހަސަން ދީދީއެވެ.
ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން އެއްގަމު މަގުން ދަތުރުތައް ކުރަންޖެހޭ ޙާލަތު މަދުވުމާއެކު، އިންޖީނުލީ އުޅަނދުފަހަރަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޤްތިސާދީ އިސްރާފު ކުޑަކުރުމަކީވެސް މިއެއްބަސްވުމުގެ މައިގަނޑު އެއް މަޤުޞަދެވެ. ރާއްޖެ ފަދަ ނާޒުކު ޤައުމެއްގައި ތިމާވެއްޓަށް ގެއްލުން ކުޑަ ވެހިކަލެއް ކަމައްވާ ބައިސްކަލް ދުއްވުން އިތުރުކުރުމުގެ މަޤުޞަދު ހާސިލް ކުރުމުގެ މަޤުޞަދުގައި ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ސޮއިކުރި، މިއެއްބަސްވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ބައިކް މޯލްޑިވްސްއާއެކު ރަސްމީކޮށް އެއްބަސްވުމެއް ޤާއިމްކުރުމުގެ ކުރީންވެސް އެޖަމިއްޔާގެ ހަރަކާތްތައް ޕީ.އެސް.އެމްގެ ޗެނަލްތަކުން ކަވަރަކޮށް އާންމުންނާހަމައަށް ބައިކް މޯލްޑިވްސްގެ ޙަރަކާތްތަކުގެ މަޢުލޫމާތު ޙިއްސާކުރަމުންދާކަމަށެވެ. އަދި ރަސްމީކޮށް މިމަސައްކަތް ފެށުމާއެކު، ޚާއްސަ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކާއެކު ބައިސްކަލް ދުއްވުމުގެ އާދަ ރާއްޔިތުންގެ މެދުގައި އާލާކުރުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް ޚަލީލް ވިދާޅުވިއެވެ.
ބައިކް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަޙުމަދު ޙަސަން ދީދީ ވިދާޅުވީ، ޕީ.އެސް.އެމުން ބައިކްމޯލްޑިވްސްއާއި ގުޅިގެން މަސައްކަތްކުރަން ނިންމުކަމީ އެޖަމްޢިއްޔާއަށް ލިބޭ ވަރަށްބޮޑު ހިތްވަރެއްކަމަށާއި، ހޭލުންތެރިކަން އިތުރުކުރުމަށް ބައިކް މޯލްޑިވްސްއިން ކުރާ ބައެއް މަސައްކަތްތަކުގައި ދިމާވާ ދަތިތައް ހައްލުކޮށް އަމާޒަށް ވާސިލުވުމަށް އަދިވެސް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެހެންކަމުން ބައިކްމޯލްޑިވްސްގެ ހޭލުތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކުގައި ޕީ.އެސް.އެމްގެ ބައިވެރިވުމާއެކު މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށް އަޙުމަދު ޙަސަންދީދީ ވިދާޅުވިއެވެ.
ބައިކް މޯލްޑިވްސް އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމައްޓަކައި ދިވެހިންގެ ތެރޭގައި ބައިސްކަލް އާންމުކުރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމައް މީގެ ދެތިންއަހަރުކުރިން އުފެއްދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.