ޕީޕީއެމުން ވަކިކުރި ރައްޔިތުން މަޖިލީހުގެ ތިން މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަން ކަނޑައަޅާ އެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖީލީހަށް އަންގައިފިއެވެ.
ޕީޕީއެމުން ވަކިކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާއި އާއި ފުވައްމުލަކު މެދު އުތުރު ދާއިރާގެ މެމްބަރު ޢަލީ ޝާހުއާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.
ޕީޕީއެމުން ބުނީ މި 3 މެމްބަރުން ޕާޓީން ވަކިކޮށްފައިވަނީ އެ މެމްބަރުންނާއި ގުޅިގެން ހުށައެޅުނު މައްސަލަތައް ބެލުމަށްފަހު ކޮމެޓީގެ އިއްތިފާގުންކަމަށެވެ. މި ގޮތުން މެމްބަރުން ވަކިކުރީ ސަރުކާރު ބަދުނާމްވާގޮތަށް ވާހަކަދައްކާ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާތީކަމަށެވެ. އަދި ޕީޖީ ގްރޫޕްގެ ނިންމުންތަކާއި ޚިލާފަށް މި މެމްބަރުން މަސައްކަތްކޮށްފައިވާކަމަށްވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ބުނެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލަގައި މި 3 މެމްބަރުން ސޮއިކޮށްފައިވާތީ އެ ސޮއި ނަގަންދިން މުއްދަތުގައި އެކަން ކޮށްފައިވާ ނުވާކަމަށްވެސް ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ ނިންމުމުގައިވެއެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތާފާތުވުންތަކުގެ ތެރޭގައި އެ ޕާޓީން އެއްފަހަރާ ވަކިވި 10 މެމްބަރުންގެ ތެރޭގައި މުސްތަފާއާއި ޝާހު އަދި ސައުދުﷲ ހިމެނެއެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށައެޅި މައްސަލާގައި ސޮއިކުރި 45 މެމްބަރުންގެ ތެރޭގައިވެސް މި 3 މެމްބަރުން ހިމެނެއެވެ.
މި މެމްބަރުން ވަކިކުރިކަން އަންގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމްކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި ތިން މެމްބަރުންގެ ގޮނޑި ގެއްލޭނެއެވެ.
މި ހުކުމަށްފަހު ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ 6 މެމްބަރެއް އެ ޕާޓީން ވަކިކެފައިވާކަމަށް ނިންމުމުން އެ މެމްބަރުން ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.
އެ މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދާއި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއް ލަތީފާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝިނާނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަޙުމަދާއި ވިލިގިނލީ ދާއިރާގެ މެމްބަރު ސައުދު ޙުސެއިންއެވެ.
މި ދާއިރާތަކުގެ ބައި އިލެކްޝަން އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ. އެ ކޮމިޝަނުން ބުނީ އެ ދާއިރާތަކުގެ ބައި އިލެކަޝަންސްތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ރައްޔިތުން މަޖިލީހުން މިމަހުގެ 26 ވަނަ ދުވަހު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓްގައި ބައި އިލެކްޝަންސްތައް ބޭއްވުމަށް 26 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.