ޚަބަރު

ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް މިފަހަރު ރ. ވާދޫގައި


މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް ރަސްމީކޮށް ރ. އަތޮޅު ވާދޫގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ނިންމައިފިއެވެ.

މި ޙަރަކާތްތަކުގައި ފިޝަރީޒް މިނިސްޓަރާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ ނަވާވީހުން ތިރީހަށެވެ.

މިދުވަސް ފަހަގަކުރުމުގެ ގޮތުން 2 ދުވަހުގެ މުއްދަތަށް ބަހާލައިގެން ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރ ވާދޫ ކައުންސިލްގެ ރައީސް ޙުސެއިން ޢަލީ ވިދާޅުވީ ދަނޑުވެރިންގެ ދުވަހުގެ ބައެއް ހަރަކާތްތަކުގެ ތެރޭގައި، ރ ވާދޫގައި ކުރިއަށްގެންގޮސްފައިވާ ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާހޯދުމަށް ފެނުގައި ގަސްހައްދާ ނިޒާމު ނުވަތަ ހައިޑްރޯޕޯނިކްސްގެ ދަށުން ސިސްޓަމްތަކުގައި ހައްދާފައިވާ ބައެއް ތަކެތި މިނިސްޓަރ ޝައިނީ ހާވެސްޓްކޮށްދެއްވާނެކަމަށެވެ. މި ޕްރޮގުރާމްގެ ދަށުން އެރަށުގެ 10 ދަނޑުވެރިއަކަށް ފެނުގައި ގަސްހައްދާނެ ސިސްޓަމްތަށްވަނީ ހަދިޔާކޮށްފައެވެ. މި ސިސްޓަމްތަކުގައި ކިޔުކަންބާއާއި މެލަން އަދި ލެޓިއުސްގެ އެކި ބާވަތްތައް ހައްދާފައިވެއެވެ. ފެނުގައި ގަސްހެއްދުން ނުވަތަ ހައިޑްރޯޕޯނިކްސް ދިވެހިންނަށް ތަޢާރަފުވެފައި ވަނީ ދެހާހުގެ އަހަރުތަކުގައެވެ.

ދަނޑުވެރިންގެ ދުވަހާއި ގުޅުވައިގެން ވާދޫގައި ކުރިއަށްގެންދިއުމަށް ނިންމަފައިވާ އިތުރު ހަރަކާތްތަކުގެތެރޭގައި އެރަށުގެ ގޭބީސީތަކަށް ގަސް ހަދިޔާކުރުމުގެ ޕްރޮގުރާމަކާއި، ސިއްޙަތަށް ފައިދާހުރި ކާނާއާ ބެހޭ މަޢުލޫމާތު ދިނުމުގެ ޝެޝަންތަކުގެ އިތުރުން ގޭގައި އޮންނަ ހުސްބިންތަކުގައި ތަރުތީބުން ގަސްއިންދާނެ ގޮތްތައްވެސް ދަސްކޮށްދިނުން ހިމެނެއެވެ.