ޚަބަރު

މުޅިރާއްޖެ ޝާމިލްވާގޮތަށް ނޭޝަނަލް އެސްއެމްއީ ފޯރަމެއް ބާއްވަނީ


މުޅިރާއްޖެ ޝާމިލްވާގޮތަށް ނޭޝަނަލް އެސްއެމްއީ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މުލަކަތޮޅު ރީޖަނަލް އެސްއެމްއީ ފޯރަމް ނިންމާލުމަށްފަހު ނޫސްވެރިންނާ ވަހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރގެ ނާއިބު އާދަމް ތައުފީޤް ވިދާޅުވީ އަންނަ އަހަރު މުޅި ރާއްޖެ ހިމެނޭގޮތަށް ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސްއެމްއީ ފައިނޭންޝަލް ފޯރަމެއް ބާއްވާނެކަމަށެވެ.

އެމިނިސްޓްރީން އަންނަނީ ރާއްޖޭގެ 6 ސަރަހައްދެއްގައި ސަރަޙައްދީ އެސްއެމްއީ ފޯރަމްތައް ހިންގަމުންނެވެ. އާދަމް ތައުފީޤް ވިދާޅުވީ ނޭޝަނަލް އެސްއެމްއީ ޕޯރަމް ވާނީ މި ފޯރަމްތަކުގެ އަލީގައި ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތަކާއި ބޭންކުންތަކުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތަށް އިތުރަށް ދެނެގަނެގެން ކުރިއަށްގެންދެވޭ ފޯރަމަކަށްކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މުލަކަތޮޅު މުލަކުގައާއި އައްޑޫ ސިޓީގެ ހިތަދޫގައިވެސް ސަރަޙައްދީ އެސްއެމްއީ ފޯރަމްތައް ކުރިއަށްގެންގޮސްފައެވެ. އަދި އެމިނިސްޓްރީން އަންނަނީ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ތަފާތު ގިނަ ޙަރަކާތްތަކެއްވެސް ހިންގަމުންނެވެ. އެގޮތުން ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ލޯނުދޫކުރުމާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ވިޔަފާރި ފަށައިގެން ކުރިއަށްގެންދާނެގޮތުގެ މަޢުލޫމާތު ދިނުމަށް ހިންގާ ޕްރޮގްރާމްތައް ފާހަގަކޮށްލެވެއެވެ.