ކުޅިވަރު

އަހަރެންގެ ރެކޯޑްތައް މުގުރާލަން 15 އަހަރު ނަގާނެ - ބޮލްޓް


100 މީޓާރާއި 200 މީޓަރު ދުވުމުގައި އޭނާ ހަދާފައިވާ ރެކޯޑްތައް މުގުރާލަން އަދި 15 އަހަރު ނަގާނެކަމަށް ބާރު ދުވުންތެރިޔާ އުސެއިން ބޮލްޓް ބުނެފިއެވެ. 

ދުވުމުގެ އެންމެ ކާމިޔާބު އެތްލީޓް ޖަޕާނުގެ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ އޭނާގެ ރެކޯޑުތައް މިހާރު ތިބި ބާރު ދުވުންތެރިން މުގުރާލާނަމަ އެކަން މިހާރުވެ ނިމިފައިވާނެކަމަށާއި ދެން އެ ރެކޯޑުތައް މުގުރާލެވޭނީ މީގެ ފަނަރަ އަހަރު ފަހުންކަމަށެވެ. 

އޭނާ ބުނީ ދުވުމުން ރިޓަޔަރކުރި މައިގަނޑު ސަބަބަކީ މިހާރު އޭނާ އެ މައިދާނުގައި ހާސިލްކުރަން ބޭނުންވާ އިތުރު އެއްޗެއް ނެތުމުންކަމަށާއި، މިއީ ހުއްޓާލަންވެސް އެންމެ ރަނގަޅު ވަގުތުކަމަށެވެ. 

"އަސްލު އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ލިބިއްޖެ، ރެކޯޑްތައް މުގުރާލަން އަދި ނަގަނާ 15 ނޫނީ 20 އަހަރު، މިއޮއްހާ ދުވަހު އަހަންނާއެކު ދުވި ދުވުންތެރިންނަށް އެކަމެއް ނުވި، އައު ބައެއް އަންނަ ދުވަހަކުން އެކަން ވަންޏާވާނީ" ބޮލްޓް ބުންޏެވެ.

ދުވުން ހުއްޓާލުމަށްފަހު ބޮލްޓްވަނީ ފުޓްބޯޅަ ކުޅެން ބޭނުންވާކަމަށް ބުނެފައެވެ. ބޮލްޓް ބުނީ ބައެއް ކުލަބުތަކުން ހުށަހެޅުންތައް ލިބިފައިވާކަމަށާއި، އެކަމަކު އަދި ވަކިގޮތެއް ނުނިންމާކަމަށެވެ. 

ބޮލްޓްވަނީ ޖެހިޖެހިގެން ތިން އޮލިމްޕިކްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.