ކުޅިވަރު

ސައުދީ އަރަބިއާ ވޯލްޑްކަޕަށް ސީރިޔާ ޕްލޭ އޮފަށް


ސައޫދީ އަރަބިއާ އާއި ދެކުނު ކޮރެޔާ އަދި ޖަޕާން ވޯލްޑް ކަޕަށް ކޮލިފައިވެ ސީރިއާއަށް ޕްލޭ އޮފްގެ ޖާގަ ލިބިއްޖެއެވެ. މިއީ 2006ގެ ފަހުން ސައޫދީ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އަންނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕުގައި މި ތިން ގައުމާއެކު އޭޝިޔާއިން ދެން ކުޅޭނީ އިރާންއެވެ. އޭޝިޔާ ސަރަހައްދުން މިފަހަރު އެންމެ ފުރަތަމަ ވޯލްޑް ކަޕަށް ކޮލިފައިވީ ވެސް އީރާނެވެ.

ސީރިއާއަށް ޕްލޭ އޮފް ޖާގައެއް ލިބުނީ އިރާނާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި އޮމަރު އަލްސޯމާ ޖަހައިދިން ލަނޑާއިއެކުގައެވެ. ރޭ އީރާންއާއި ވާދަކުރި މެޗު އެއްވަރުވީ 2-2ންނެވެ. 

މެޗުގެ ފުރަތަމަ ލަނޑު ޖެހީވެސް ސީރިއާއިންނެވެ. މި ލަނޑުޖަހައިދިނީ ތަމީރް ހާޖް މުޙައްމަދެވެ. އީރާނުން ނަތީޖާ ހަމަހަމަކުރީ ސަރްދާރު އަޒުމޫންގެ ގޯލުންނެވެ. މެޗުގައި އިރާންގެ ދެވަނަ ލަނޑު ޖަހައިދީ ލީޑް ނަގައިދިނީވެސް އަޒުމޫނެވެ. 2-1ން މެޗު ނިމެންދަނިކޮށް ސީރިއާއިން ނަތީޖާ ހަމަހަމަކުރީ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގައެވެ. މި ލަނޑާއިއެކު ސީރިއާއަށް ވަނީ ކޮލިފައިން ގްރޫޕް އޭގެ ތިންވަނަ ޔަގީންވެފައެވެ. 

ވޯލްޑްކަޕްގެ ޕްލޭ އޮފް ޖާގައެއް ސީރިއާއިން ހޯދުމާއިއެކު އެގައުމުގައި ސަޕޯޓަރުން އަންނަނީ އުފާފާޅުކުރަމުން. ވެރިރަށް ދިމިޝްކުގެ ބޮޑެތި މަގުތަކުގައި ގައުމީ ދިދައާއިއެކު ރައްޔިތުން އަންނަނީ ހިތްހަމަޖެހުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. 

ޕްލޭ އޮފްގައި ސީރިއާ ނިކުންނާނީ އޮސްޓްރޭލިއާއާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމެއް ނިކުންނާނީ އުތުރު އެމެރިކާ ކޮލިފައިން ހަތަރުވަނަ ހޯދާ ޓީމާއި ދެކޮޅަށެވެ.