ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ތިން ކުޅުންތެރިންކަމަށްވާ އިސްމާއިލް އީސަ، އަންދްރޭ ކެރިކް އަދި ގޯލްކީޕަރު މަހުމޫދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގުޅިއްޖެއެވެ.
ވިކްޓްރީގެ ކެޕްޓަން އިސްމާއިލް އީސަ މާޒިޔާއާއި ގުޅުނީ މާލޭ ލީގުގެ ގަދަ ހަތަރަކުން ވިކްޓްރީ ކަޓައި ޕްރިމިއަރ ލީގުން ފުރުސަތު ގެއްލުމުންނެވެ. އަދި މާލީ ހާލަތު ގޯސްވެ ކުޅުންތެރިންގެ މުސާރައިގެ މައްސަލައިގައި ޕްރެކްޓިސްއަށް ހާޒިރުނުވާ ކުޅުންތެރިންގެ ތެރޭގައި އީސަ ހިމެނެއެވެ. އީސައާއިއެކު މާޒިޔާއާއި ގުޅުނު ކީޕަރު މަހުމޫދު އަލް ޔޫސުފް އެޓީމާއި ގުޅުނީ މާޒިޔާއިން މަޓިއަޝް ދޫކޮށްލުމުންނެވެ. މާލޭ ލީގާއި އޭއެފްސީ ކަޕްގައި މާޒިޔާގެ ގޯލް ބެލެހެއްޓި މަޓިއަޝްގެ ބަދަލްގައި މާޒިޔާއިން ގެނައި މަހުމޫދު އަލް ޔޫސުފްވަނީ މިދިޔަ ސީޒަންގައި ޔުނައިޓެޑް ވިކްޓްރީގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި ސީޒަންގައި ވިކްޓްރީގައިވެސް އޭނާ އަންނަނީ މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ. މާޒިޔާއިން ސޮއިކުރި ތިންވަނަ ކުޅުންތެރިޔާ އަންދްރޭ ކެރިކް މާޒިޔާއިން ގެނައީ ފޯވާޑް އެލެކްސަންޑަރ ރަކިޗް ދޫކޮށްލުމަށްފަހުއެވެ. އަންދްރޭ ކެރިކަކީ މިދިޔަ ސީޒަންގައި ގަލޮޅު ދަނޑުގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދެއްކި ބިދޭސީ ކުޅުންތެރިޔާއެވެ. މަސައްކަތު ރޭޓްވެސް ރަނގަޅު ކެރިކްވަނީ މި ސީޒަންގައި ވިކްޓްރީއަށް މުހިންމު ލަނޑުތަކެއް ޖަހައިދީފައެވެ.
މާޒިޔާއިން އެޓީމް ވަރުގަދަ ކުރަމުންމިދަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއަރ ލީގަށެވެ. މި ތިން ކުޅުންތެރިންގެ އިތުރުންވެސް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ދިވެހި އިތުރު ކުޅުންތެރިން މާޒިޔާއާއި ގުޅޭނެކަމަށްވަނީ ބެލެވިފައެވެ.
އެޓީމުންވަނީ މި ސީޒަންގައި މިހާތަނަށް ޗެރިޓީ ޝީލްޑް އަދި މާލޭ ލީގު އުފުލާލާފައެވެ.