ވިޔަފާރި

ދެރުފިޔާގެ އައު ފައިސާފޮތި ބާޒާރަށްނެރެފި


ދެރުފިޔާގެ އައު ފައިސާފޮތި ބާޒާރަށްނެރެފިއެވެ. 

މި ފައިސާފޮތި ބާޒާރަށް ނެރެދެއްވީ މިއަދު އެމްއެމްއޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގަވަރނަރ ޑރ. އަޒީމާ އާދަމެވެ.

އަލަށްނެރުނު ދެރުފިޔާގެ ލުއި ފައިސާފޮތި  އާންމުކޮށް ބޭނުންކުރަންފަށައިފިއެވެ. ދެރުފިޔާގެ ލުއި ފައިސާފޮތީގައި ދެމައުދަނެއްވަނީ ބޭނުންކޮށްފައެވެ. އެގޮތުން ބޭރުގައި ބޭނުންކޮށްފައިވަނީ ނިކަލް ބުރާސް އަދި އެތެރޭގައި ބޭނުންކޮށްފައިވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއެމްއޭގެ އެސިސްޓެންޓް އެގްސެކެޓިވް ޑިރެކްޓަރ މުނާ އިބްރާހީމް ވިދާޅުވީ ކުރީގެ ދެރުފިޔާގެ ފައިސާފޮއްޗާއި ޚީލާފަށް މި ފައިސާފޮތީގެ ތަފާތުކަމަކީ ބަރުދަނުގެ ގޮތުން ލުއިވުންކަމަށެވެ. 

އަލަށްނެރުނު ލުއި ފައިސާފޮތި ސާރކިއުލޭޝަންއަށް ދޫކުރާނީ ހަމައެކަނި އެމްއެމްއޭއިންކަމަށް މަރުކަޒީ ބެންކުން މައުލޫމާތުދެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު އަށްގަޑި ތިރީހުން އެގާރަގަޑި ތިރީހަށް އެމްއެމްއޭގެ ކައުންޓަރުން ދެރުފިޔާގެ އައު ފައިސާފޮތި ދޫކުރަމުން ގެންދާނެއެވެ. އެމްއެމްއޭއިން ބުނީ އަލަށް ނެރުނު ދެރުފިޔާގެ ލުއި ފައިސާ ފޮއްޗާއި ކުރީގެ ފައިސާފޮތިވެސް  ސަރކިއުލޭޝަންގައި ދައުރުކުރަމުން ގެންދާނެކަމަށެވެ.

ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ކުރިން ބޭނުންކުރަމުންއައި ނޫޓްތައް އުވާލައި އެމްއެމްއޭއިން ވަނީ ރަންދިހަފަހެއް ނަމުގައި އާ ނޫޓް ސީރީޒްއެއްވެސް ނެރެފައެވެ. ނެރުނު ރަންދިހަފަހެއް ނޫޓް ސީރީޒް ރަސްމީކޮށް ދައުރުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ސައްބީސްވަނަ ދުވަހުއެވެ.