އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ޚާއްސަ މަޝްވަރާތަކެއް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، އައްޑޫ ސިޓީގެ ސަރުކާރު ސްކޫލް ތަކުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވާ ވަކިވަކި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިދިޔަ ފެބްރުއަރީ މަހުވެސް އެކަމަނާ ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ސްކޫލްތަކުގެ ވަކިވަކި ދަރިވަރުންގެ ނަތީޖާ ތަކާއިމެދު މަޝްވަރާކުރައްވައި، އެ ނަތީޖާތަކުގެ އަލީގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރައްވާފައެވެ. މިފަހަރުގެ ބައްދަލުވުމާއި އެކަމަނާވަނީ ކުރިން ބޭއްވި ބައްދަލުވުމުގައި ކަނޑައެޅި ލަނޑުދަނޑިތަކާހަމައަށް ވާޞިލުވެފައިވޭތޯ ބައްލަވާލައްވާފައެވެ.
މިބައްދަލުވުމުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް ރަނގަޅު ބަދަލެއް ގެނެވިފައިވާ ކަމަށާއި، ނަތީޖާ ރަނގަޅުކުރުމަށް ސްކޫލްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ހާމަވެގެންދާކަމަށް ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލުން ފާހަގަކޮށްފައިވެއެވެ.
މި ބައްލުވުމަށްފަހު މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ބޭނުމަކީ ކޮންމެ ކުއްޖަކީ ބޭނުންތެރި، ޤައުމަށް ފައިދާހުރި، ބެލެނިވެރިން އެދޭފަދަ ކުދިންގެ ގޮތުގައި ސްކޫލް ސިސްޓަމް ތެރެއިން ތައްޔާރުކުރުން ކަމަށެވެ. އަދި މިއަހަރަށް ޢަމާޒުކޮށްގެން ހިންގެވި ބީޓެކް ޕްރޮގްރާމާއި، ދަސްވާރު ޕްރޮގްރާމާއި ރިސްކް އެސެސްމެންޓުން ޙާސިލްކުރަން ބޭނުންވި ލަނޑުދަނޑި ކާމިޔަބުކަމާއެކު ޙާސިލްކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބީޓެކް ޕްރޮގްރާމަށް އެކަނިވެސް 77 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދެއްވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީގެ ސްކޫލްތަކުން އަބަދުވެސް ތަޢުލީމީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭކަމަށެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި އިސްކަންދަރު ސްކޫލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. އަދި ސްކޫލް ހިންގުމަށާއި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމުގައި އެ ސްކޫލުން ޢަމަލުކުރާ ގޮތްތައް ހިއްސާކޮށްފައިވެއެވެ.