ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމަށް އަންނަ މީހުންގެ ޢަދަދު އެހެން އަހަރުތަކަށް ވުރެ މިއަހަރު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިފަދަ ބަދަލެއް އަންނަން މެދުވެރިވީ އިހްޔާ ފޯރަމް ކުރިއަށްގެންދާ ގޮތަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މިދިޔަ އަހަރުން ފެށިގެން އިޙްޔާ ފޯރަމް ގެ އިންތިޒާމްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ބޭރުގެ ޢިލްމުވެރިން ގެނެސްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިހާރު ގެންދަނީ ދިވެހި އިލްމުވެރިން ވަކި މަވްޟޫއަކަށް މަޝްވަރާ ކުރާ ޕެނަލް އެއްގެ ގޮތަށެވެ. މި ބަދަލު ގެނައީ މަޝްވަރާކުރާ މައުޟޫއާއި ބެހޭގޮތުން ވީހަވެސް ގިނަ މައުލޫމާތު ޢަންމުނަށް ގެނެސްދިނުމަށް ކަމަށް އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ މުޙައްމަދު އަޙްސަން ވިދާޅުވިއެވެ.
މިއަހަރުގެ އިޙްޔާފޯރަމްގައި އެހެން އަހަރުތަކާއި ޚިލާފަށް ކަނޑައަޅާފައިވާ މައުޟޫ އާއި ގުޅޭގޮތުން ރިޕޯޓެއް ގެނެސްދޭ އިރު، ކޮންމެ ރެއަކުވެސް ކަނޑައަޅާފައިވާ މަޢުޟޫއަށް ދީނީ ދެ ޢިލްމުވެރިއަކު މައުލޫމާތު ދެއްވާގޮތަށް ހަމަޖެހިފައިވުމުން ކޮންމެ ރެއަކުވެސް ގިނަ މައުލޫމާތުތަކެއް ލިބިގެން ދާކަމަށް މި ފޯރަމަށް އަޑުއަހަންދާ މީހުންބުނެއެވެ.
ރަމަޟާންމަހުގެ ކޮންމެ ހަފްތާއެއްގެ ދެ ރެއެއްގައި ގެނެސްދޭ އިޙްޔާ ފޯރަމްގައި މަޝްވަރާކުރާ މައުޟޫތަކަކީ، މިހާރުގެ ދިވެހި މުޖުތަކަމަޢުގެ ޙާލަތަށް ރިއާޔަތް ކޮއްފައިވާ މައުޟޫޢުތަކެކެވެ. އަދި މިއަހަރުވެސް އިހްޔާފޯރަމްގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ތަފާތު އަގުހުރި އިނާމުތައް ދެއެވެ.
އިޙްޔާ ފޯރަމްގެ ހުރިހާ ޖަލްސާތަކެއް ފީއެސް.އެމްގެ ޓީވީއެމް އަދި މުންނާރު ޓީވީން ވަގުތުން ބެލުންތެރިންނަށް ގެނެސްދެމުންދެއެވެ.