ކުޅިވަރު

އިސްލާމީ ގައުމުތަކުން 4 ވަނައަށް އެންމެ ބާރަށް ދުވަނީ ސާއިދު!


އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ހަތަރުވަނަ ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދައިފިއެވެ. 

އިސްލާމީ 58 ގައުމުން ވާދަކުރާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓާރު ދުވުމުގެ ފައިނަލްގައި ދުވެ ސާއިދު ރޭސް ނިންމީ 10.42 ސިކުންތުންނެވެ. ފައިނަލް ހީޓްގެ އެއްވަނަ ހޯދައި ރޭސް ނިންމި ތުރުކީގެ ގުލިއޭވް ރަމީލް ރޭސް ނިންމީ 10.06 ސިކުންތުންނެވެ. 

ސާއިދު 100 މީޓާރު ދުވުމުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ހީޓްތަކުގެ ތިންވަނަ ހޯދި އެތްލީޓުންގެ ތެރެއިން އެންމެ ބާރު ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. އަދި ސާއިދު ސެމީ ފައިނަލުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި އޭނާ ދުވި ހީޓުން އެއްވަނަ ހޯދައިގެންނެވެ. 

ދުނިޔޭގެ އިސްލާމީ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އޯގަނަގައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރުމުގެ ކުރިން ސާއިދުވަނީ މިދިޔަ މަހު ޓައިވާނުގައި އޮތް އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދާފައެވެ. މިއީ އޭޝިޔާގެ މުބާރާތަކުން ރާއްޖޭގެ ދުވުންތެރިއަކު ހޯދި ފުރަތަމަ މެޑައްޔެވެ.

ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ އުއްމީދީ ދުވުންތެރިޔާ ސަރީސް އަހުމަދު ވާދަކުރި ނަމަވެސް ސެމީ ފައިނަލުން ފުރުސަތެއް ނުލިބުނެވެ. ސަރީސް ފުރަތަމަ ބުރުގައި ރޭސް ނިންމީ 11.28 ސިކުންތުންނެވެ. 

ސާއިދު އަދި ސަރީސްގެ އިތުރުން 5000 މީޓަރު ދުވުމުގެ ފައިނަލްގައި ރާއްޖޭގެ ދެ އެތްލީޓުން ވާދަކުރިއެވެ. އެއީ ޒައިދު ޝަރީފް އަދި ހުސައިން ފަޒީލެވެ. ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރުވެސް ދެ ދުވުންތެރިންވަނީ ޕާސަނަލް ބެސްޓް އާކޮށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.