އެޗް.ސީ.އެފް.ސީ ގޭސް މަދުކުރުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެ ވަނީ އެހެން ޤައުމުތަކަށްވުރެ ކުރީގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ މަސްފިނިކުރާ ނިޒާމްތައް، ތިމާވެއްޓާއި ރައްޓެހި ގޭސް ބޭނުންކުރާ ނިޒާމުތަކަކަށް ބަދަލުކުރުމަށް، ޚާއްސަ މަޝްރޫޢެއް ހިންގުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ޔޫ.އެން.ޑީ.ޕީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ. ޔޫ.އެން.ޑީ.ޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކޯޑިނޭޓަރ ސޯކޯ ނޮޑާއެވެ.
img:http://s1.psmnews.mv/images/660x400/14939121107479.jpg|ޔޫއެންޑީޕީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މަސް ފިނިކުރަން ބޭނުންކުރާ އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރާ އުޅަނދުފަހަރު މަދުކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން ދެހާސް ވިހިވަނަ އަހަރުގެ ނިޔަލަށް އެޗް.ސީ.އެފް.ސީ ގޭސް ބޭނުންކުރުން މުޅިން ހުއްޓާލުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީއާއި ޔޫއެންޑީޕީ އާދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫޢުއެވެ. މިއީ، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް އެހީވެދޭ މަލްޓިލެޓަރަލްއިން ފަންޑްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މަސްވެރިކަމުގެ ސިނާޢަތުގައި ބޭނުންކުރާ ވަޞީލަތްތައް ތިމާވެއްޓާ ރަށްޓެހި ވަޞީލަތްތަކަކަށް ބަދަލުކުރުމަށް މިމަޝްރޫޢުގެ ދަށުން 2.2 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ.