ޚަބަރު

އިންޑޮނޭޝިޔާގައި 240 ފަސިންޖަރުންނާއެކު ދަތުރުކުރި ބޯޓެއް ގެއްލިގެން ހޯދަނީ


އިންޑޮނޭޝިޔާގައި 240 އެއްހާ ފަސިންޖަރުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ގެއްލިގެން ހޯދަން ފަށާފައިވާ ކަން އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ހާމަކޮށްފިއެވެ. މި ބޯޓު ދަތުރުކުރަމުން ދިޔައީ އިރުމަތީ ޖާވާއިން ބޯނިއޯ ޖަޒީރާގެ ދެކުނު ކަލިމަންތާނަށެވެ. ބޯޓު ހޯދުމުގެ އޮޕަރޭޝަނެއް ސެޕްޓެންބަރު 13 ގައި ފަށާފައިވާ ކަމުގައި އިންޑޮނޭޝިޔާގެ އޮފިޝަލުން ވިދާޅުވިއެވެ.

ގެއްލިފައިވަނީ 'ވަރގޯ ޓްރާންސްޕޯޓް 8' ނަމަކަށް ކިޔާ އުޅަނދެކެވެ. އެ އުޅަނދު ދަތުރުކުރަމުން ދިޔައީ އިރުމަތީ ޖާވާ ޕްރޮވިންސުގެ ސުރަބާޔާއިން ފުރައިގެން ބަންޖަރްމަސިނަށެވެ. ސުރަބާޔާއަކީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. ދަތުރުމަތީގައި ބޯޓާ މުވާޞަލާތީ ގުޅުން ކެނޑިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް ދެކުނު ކަލިމަންތާން ޕްރޮވިންސުގެ ވެރިރަށް ބަންޖަރްމަސިންގެ ސަރޗް އެންޑް ރެސްކިއު އޮފީހުން ބުންޏެވެ.

ފުރަތަމަ ލިބުނު މަޢުލޫމާތުތަކަށް ބަލާއިރު، ބޯޓު އެންމެ ފަހުން އޮތް ކަމަށް ދައްކަނީ ބަންޖަރްމަސިންގެ ބަނދަރާ ގާތްގަނޑަކަށް 148 ކިލޯމީޓަރު ދުރުގައެވެ. އެއީ ޖާވާ ކަނޑުގެ ސަރަޙައްދެކެވެ. ބޯޓުގެ މެނިފެސްޓުގައިވާ ގޮތުން، އޭގައި 241 ފަސިންޖަރުން ތިއްބެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

ބޯޓާ ގުޅުން ކެނޑިފައިވާކަން ބަންޖަރްމަސިންގެ ރެސްކިއު އެޖެންސީގެ އޮޕަރޭޝަންސް ޗީފް އަރިއަންތޯ އަރްދީ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ ސަރަޙައްދަށް ރެސްކިއު ޓީމުތައް ފޮނުވާފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. "އަޅުގަނޑުމެން މިހާރު ވާނީ ތްރީސަކްތީގައި އޮޕަރޭޝަންސް ޕޯސްޓެއް ޤާއިމުކޮށްފައި،" އަރިއަންތޯ ވިދާޅުވިއެވެ. ގެއްލުނު ބޯޓު ދަތުރުކުރި ސަރަޙައްދަށް މޫސުން ގޯސްވި ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. ކަމާބެހޭ އިދާރާތަކުން ބުނީ، ބޯޓު އޮޕަރޭޓްކުރާ ކުންފުނިން އެ އުޅަނދާ ގުޅުން ކެނޑިފައިވާ ކަމުގެ މަޢުލޫމާތު އިދާރާތަކާ ޙިއްޞާކޮށްފައި ވަނީ، އެ އުޅަނދު ދަތުރުކުރަމުންދިޔަ ސަރަޙައްދުގައި މޫސުން ގޯސްވެފައިވާ ކަމުގެ ރިޕޯޓުތައް ލިބުނު ފަހުން ކަމުގައެވެ.