ޚަބަރު

"އިސްލާމްދީނަށް ވަފާތެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރަންޖެހޭ"


  • ރާއްޖެއަށް އިސްލާމްދީން އައީ ހިޖުރައިން 548 ވަނަ އަހަރު

ދިވެހިރާއްޖެ މިދިޔަ 900 އަހަރުވެސް އޮތްގޮތަށް އިސްލާމްދީނަށް ތެދުވެރި ވަފާތެރި ޤައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރުމަށް ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވާހާއި ގުޅިގެން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ކުރީގެ ރައީސް މަޢުމޫން ވިދާޅުވީ، 548ވަނަ އަހަރުގެ ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަހު ދިވެހިން އިސްލާމްދީން ޤަބޫލުކުރިތާ 900 އަހަރު ފުރުމަކީ ވަރަށް މުހިންމު މުނާސަބަތެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި ދިވެހިންގެ ކާބަފައިން ފާއިތުވި 900 އަހަރު ސާބިތުކޮށްދެއްވާފައިވަނީ ވަރަށް ވަރުގަދަ ފިލާވަޅެއްކަމަށް ވިދާޅުވިއެވެ. ރާއްޖެއަށް ތަފާތު އެކި ކަންކަން ދިމާވި ނަމަވެސް އިސްލާމްދީން ދޫކޮށްނުލާ ކާބަފައިން ދެއްކެވީ ފުރިހަމަ ނަމޫނާއެއްކަމަށް ރައީސް މަޢުމޫން ވިދާޅުވިއެވެ.

އިސްލާމް ދީނަށް އެއްވެސް ލޮޅުމެއް އައިސްދާނެފަދަ ގޮތަކަށް ކާބަފައިން އަމަލުކޮށްފައި ނުވާކަމަށާއި އިސްލާމްދީނުގެ މަތީގައި ދިވެހިިން މިހާތަނަށް ދެމި ތިބީ ސާބިތުކަމާއެކުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް އިސްލާމް ދީނުގެ ހިދާޔަތުގައި ދެމި ތިބެންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން ޢަބަދުލްޤައްޔޫމް ވިދާޅުވިއެވެ.

"އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ. ދިވެހި ޤައުމު ބިނާވަނީ އިސްލާމްދީނުގެ މައްޗަށް. އެއީ ދިވެހި ޤައުމިއްޔަތުގެ ވެސް ބިންގާ. އެހެންވީމަ އެ ދޫކޮށްލައިގެން ފަރު ނުޖެހޭނެ." ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.

ރާއްޖެއަށް އިސްލާމްދީން އައީ ހިޖުރައިން 548 ވަނަ އަހަރު (މީލާދީން 1153) އެވެ.
ރާއްޖޭގެ ގާނޫނުއަސާސީ ބުނާގޮތުން ދިވެހިރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެންނެވެ. އަދި ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު އަސާސަކީ އިސްލާމީ ޝަރީއަތެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެއެވެ.