ޚަބަރު

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ މެންދުރުފަހު 14:00އާ ހަމައަށް

  • ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވަނީ ލަފާކޮށްފައި

  • ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ކުރިންވެސްވަނީ ހެނދުނު 9:30އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުނެރެފައެވެ. މިހާރުވަނީ ހުދު ސަމާލުގެ ވަގުތު 14:00އާ ހަމައަށް އިތުރުކޮށްފައެވެ.

ހުދު ސަމާލު ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާން ވަނީ ފަށާފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައްވަނީ ހިނގާފައެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މިވިއްސާރައިގައި އަންނަ ބުދަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.