ދީން

ތ.އަތޮޅުގެ 3 ރަށެއްގައި މުޞްޙަފް މާލްދީފް ބަހަން ފަށްޓަވައިފި


ދިވެހިންނަށް ޚާއްޞަ ކުރައްވައިގެން ޗާޕްކުރައްވާފައިވާ މުޞްޙަފް މާލްދީފްގެ މުޞްޙަފެއް، ކޮންމެ ދިވެއްސަކަށް ދެއްވުމަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްގެ ދަށުން، ތ.އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންނަށް މުސްޙަފް ބައްސަވަން ފަށްޓަވައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ތ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ވަނީ ތ.ގުރައިދުއާއި ދިޔަމިގިއްޔާއި ގާދިއްފުށްޓަށް ވަޑައިގެން އެރަށްރަށުގައި މުސްޙަފް ބައްސަވައިދެއްވަން ފަށްޓަވާފައެވެ. މި ޕްރޮގްރާމްގެ ދަށުން 945 މުސްޙަފް ގުރައިދޫއަށް، 460 މުޞްޙަފް ދިޔަމިގިއްޔަށް، 198 މުޞްޙަފް ގާދިއްފުށްޓަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި، މުސްޙަފް ބެހުމަށް ހަމަޖެހިފައިވަނީ ޢުމުރުން ފަނަރަ އަހަރާއި ސާޅީސް އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށެވެ.

img:http://s1.psmnews.mv/images/660x400/14798000394270.jpg|"މުޞްޙަފު މާލްދީފް" ގެ ފުރަތަމަ ޗާޕްގެ މުޞްޙަފެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ސަތޭކަ ހާސް މުސްޙަފް ޗާޕްކޮށްގެން ރާއްޖެ ގެނެސްފައިވެއެވެ. މުސްޙަފް މާލްދީފް ޕްރޮގްރާމްގެ ދަށުން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މުސްޙަފް ބެއްސެވުމުގެ ޕްރޮގްރާމް ވަނީ ފަށްޓަވާފައެވެ. އެގޮތުން ސަރުކާރުގެ ދިހަ ކުންފުންޏެއްގެ މުވައްޒަފުންނަށް މުސްޙަފް ބަހަން އިސްލާމިކް މިނިސްޓްރީން ވަނީ ޙަވާލުކުރައްވާފައެވެ.

މުސްޙަފް މާލްދީފަކީ ރާއްޖެއަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުސްޙަފެކެވެ. މި މުޞްޙަފުގެ ބޭރުގަނޑާއި، އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތަކުގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތަކާއި، ދިވެހި ދައުލަތުގެ ނިޝާނާ ލޯގޯ ބޭނުންކޮށްފައިވއެވެ.

މުޞްޙަފް މާލްދީފް ޕްރޮގްރާމަކީ ދިވެހި ކޮންމެ ރައްޔިތަކަށް މުޞްޙަފެއް ދެއްވުމަށް އިސްލާމިކް މިނިސްޓްރީން ހިންގަވާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ފުރަތަމަ ކޮޕީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އަރުވާފައިވަނީ 27 ސެޕްޓެމްބަރ 2016 ގައެވެ. ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރު ނިމުމުގެ ކުރިން މިމަޝްރޫޢުގެ ދަށުން ކޮންމެ ދިވެއްސަކަށް މުސްޙަފެއް ދެއްވުމެވެ.