ކުޅިވަރު

ޒިދާންގެ ޝުކުރު ރޮނާލްޑޯއަށް، އެންޗެލޯޓީގެ ފާޑުކިޔުން ރެފްރީއަށް!


މުހިންމު މެޗުތަކުގައި ރޮނާލްޑޯ ތަފާތު ދައްކާނެކަމާއިމެދު އަބަދުވެސް ޔަގީންކަން އޮންނަކަމަށް ރިއާލް މެޑްރިޑްގެ ކޯޗް ޒައިނުދީން ޒިދާން ބުނެފިއެވެ. 

ޒިދާން ރޮނާލްޑޯއަށް ތައުރީފްކޮށް ވާހަކަދައްކާފައިމިވަނީ ރޮނާލްޑޯގެ ހެޓްރިކާއިއެކު ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުން ރިއާލް ޖާގަ ހޯދި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ. 

ޗެމްޕިއަން ރިއާލް މެޑްރިޑްގެ ކޯޗް ޒައިނުދީން ޒިދާން ބުނީ ރޮނާލްޑޯ ދަނޑު މަތީގައި ހުރެއްޖެނަމަ އޭނާގެ ފަރާތުން ޖަދޫ ފެންނާނެކަމުގެ ޔަގީންކަން އޮންނަކަމަށެވެ. އޭނާ ބުނީ މުހިންމު މެޗުތަކުގައި ރޮނާލްޑޯ އަބަދުވެސް ތަފާތު ދައްކާކަމަށާއި، ރޭގެ މެޗުގެ ހުރިހާ ޝުކުރެއް ހައްގުވަނީ ރޮނާލްޑޯއަށްކަމަށެވެ. 

"ރޮނާލްޑޯ ހުރެއްޖެއްޔާ އޭނާ މެޗުން އަހަރުމެން މޮޅުކޮށްދޭނެކަން އިނގޭ، އެ ޔަގީންކަން އަބަދުވެސް އޮވޭ" ޒިދާން ބުންޏެވެ.

ބަޔާން މިޔުނިކްގެ ކޯޗް ކާލޯ އެންޗެލޯޓީ ބުނީ މެޗުގައި ދެ ޓީމްގެ ކުޅުމަށްވުރެ ރެފްރީގެ ޕާފޯމަންސް ހުރިހާ ގޮތަކުންވެސް ދަށްކަމަށެވެ. އޭނާ ބުނީ ވީޑިއޯ ރެފްރީ އެސިސްޓަންޓުން ބޭނުންކުރަން އޭނާ އެއްވެސް އިރެއްގައި ތާއީދުނުކުރާކަމަށާއި، އެކަމަކު ވީޑިއޯ ރެފްރީން މިހާރު ބޭނުންވާކަމަށެވެ. އަދި މެޗުން ބަލިވީ ރެފްރީގެ ގޯސް ނިންމުންތަކުގެ ސަބަބުންކަމަށްވެސް އެންޗެލޯޓީ ބުންޏެވެ. 

"މެޗުގައި އެންމެ މޮޅު ޕާފޯމެއްންސްއެއް ދެއްކީ ރެފްރީ، އޭނާއަށް ހަމަ ސާބަސް، ކުޅުންތެރިން ބުރަކޮށް މަސައްކަތްކުރި، އެކަމަކު ގިނަ ނިންމުން ދިޔައީ އަހަރުމެންނާއި ދެކޮޅަށް" އެންޗެލޯޓީ ފާހަގަކުރިއެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާރ ފައިނަލް ދެވަނަ ލެގުގައި ބަޔާން މިޔުނިކާއި ރިއާލް މެޑްރިޑް ވާދަކުރި މެޗް ރިއާލް ކާމިޔާބުކުރީ 4-2ންނެވެ. މެޗުގެ ނުވަ ދިހަ މިނެޓްގެ ކުޅުން ހަމަވިއިރު ނަތީޖާ އޮތީ 2-1 ބަޔާން ކުރީގައި އޮވެ، ދެ ލެގުގެ އެގްރިގޭޓުން ބަލާއިރު 3-3 ދެ ޓީމް އެއްވަރުވެފައެވެ. ރިއާލް މެޑްރިޑުން މެޗުގައި އިތުރު ތިން ލަނޑު ޖެހީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގައިއެވެ. 

މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ރޮބާޓް ލެވަންޑޯސްކީއެވެ. އަނެއް ލަނޑަކީ ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގައި ރިއާލް މެޑްރިޑްގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ. ރޭ ރޮނާލްޑޯ ހެދި ހެޓްރިކާއެކު އޭނާ ވެގެންދިޔައީ ޗެމްޕިއަންސް ލީގު ތާރީޚުގައި ސަތޭކަ ގޯލު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށް. އެޓީމްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މާކޯ އަސެންސިއޯއެވެ. މިއީ ރެއާލްމެޑްރިޑް ޗމްޕިއަންސް ލީގުގެ ސެމީފައިނަލުންޖެހިޖެހިގެން ޖާގަ ހޯދި ހަތްވަނަ ފަހަރެވެ.

ރޭގެ މެޗް ބަޔާން މިޔުނިކުން ދިހަ ކުޅުންތެރިންނާއިއެކު ނިންމާލިއިރު، މެޗުގެ ރެފްރީއަށް ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައިއެވެ. އޮފްސައިޑް ގޯލެއް ރިއާލް މެޑްރިޑުން ޖެހައި މެޗުގެ ނަތީޖާ އަނބުރާލިއިރު، ގިނަ ނިންމުންތަކެއް ރެފްރީ ނުބައިކޮށް ނިންމިކަމަށްބުނެ ބަޔާންގެ ކުޅުންތެރިން މެޗުގައި އެތައް ފަހަރަކު މައްސަލަޖެއްސިކަން ފާހަގަކޮށްލެވެއެވެ.