ކުޅިވަރު

މިހާރު މި ސީޒަންގެ އަމާޒަކީ ޔޫރޮޕާ ލީގު - މޮރީނިއޯ


މެންޗެސްޓަރ ޔުނައިޓެޑްގެ މިހާރުގެ އަމާޒަކީ ޔޫރޮޕާ ލީގު ކާމިޔާބުކުރުންކަމަށް ކޯޗް ހޯޒޭ މޮރީނިއޯ ބުނެފިއެވެ. 

ޕްރިމިއަރ ލީގުގައި ސަންޑަލެންޑާއި ވާދަކޮށް މޮޅުވި މެޗަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް މޮރީނިއޯ ބުނީ ޕްރިމިއަރ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ހަނިކޮށް އޮތްނަމަވެސް މަސައްކަތްކުރާނެކަމަށެވެ. މިހާރު ސީޒަންގައި ޓާގެޓާކީ ޔޫރޮޕާ ލީގު އުފުލާލައި ހުރިހާ ސަޕޯޓަރުން އުފާކޮށްދިނުންކަމަށް ކޯޗު މޮރީނިއޯ ބުންޏެވެ. 

 54 އަހަރުގެ ކޯޗް ބުނީ ސަންޑަލެންޑް މެޗަށް ޓީމް ނިކުތީ މުހިންމު ބައެއް ކުޅުންތެރިން ނުލާ ކަމަށާއި، އެހެންނަމަވެސް ބެންޗުން އެރި ކުޅުންތެރިން މެޗުގައި މޮޅަށް ކުޅުނުކަމަށެވެ. އަނިޔާގައި މިހާރުވެސް ބައެއް ކުޅުންތެރިން ތިބިއިރު، މި މެޗުގައި އިތުރު ކުޅުންތެރިއަކަށް އަނިޔާ ނުވުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށް މޮރީނިއޯ ބުންޏެވެ. 

"މިހާރު ކޮންމެ މެޗަކުންވެސް ތިން ޕޮއިންޓް މުހިންމު، ސީޒަންގެ އަމާޒަކީ މިހާރު ޔޫރޮޕާ ލީގު، ކޮންމެ މެޗަކުންވެސް ތައްޔާރު މިވަނީ ޔޫރޮޕާ ލީގަށް" މޮރީނިއޯ ބުންޏެވެ. 

ސަންޑަލެންޑާއި މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރި މެޗް ޔުނައިޓެޑުން ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ޔުނައިޓެޑްގެ ތިން ލަނޑު ޖަހައިދިނީ ޒްލަޓާން އިބްރަހިމޮވިޗް، ހެންރިކް މިޚްތަރިޔަން އަދި މާކަސް ރަޝްފޯޑެވެ. 

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އަނެއް މެޗް ކާމިޔާބުކުރީ އެވަޓަންއެވެ. އެވަޓަން މި މެޗް ކާމިޔާބުކުރީ ލެސްޓާ ސިޓީއާއި ވާދަކޮށް 4-2 ނެވެ.