ޚަބަރު

ޕީޕީއެމްގެ ރައީސްގެ އޮފީސް ބަންދު ކުރަން އަމުރުކުރައްވައިފި


ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ނަމުގައި ހިންގަވާ އޮފީހުގެ ހުރިހާ މަސައްކަތްތަކެއް ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރައްވައިފިއެވެ.

ސިވިލް ކޯޓުން ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުޝްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ޙަވާލުކުރެއްވުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ހިނދު، ޕީޕީއެމްގެ ރައީސްގެ އޮފީހެއް ވަކިން ހަދައި ޕީޕީއެމްގެ ދިދައާ ލޯގޯ ބޭނުންކޮށް އެޕާޓީގެ ނަމުގައި ޖަލްސާތަކާއި ޙަރަކާތްތައް ހިންގައި ހެދުމަކީ އެ ކޯޓުން ކުރެއްވި ޙުކުމް ތަންފީޒުވިޔަދިނުމަށް ހުރަސްއެޅުމުގެ ގޮތުން ހިންގާ ޙަރަކާތްތަތަކާއި ޢަމަލުތަކެއް ކަމަށެވެ.

އެފަދައިން ކަންތައް ކުރުމަކީ ކޯޓުތަކުގެ ޤާނޫނުގެ 77ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށްވެސް ސިވިލް ކޯޓުގެ އަމުރުގައި ވިދާޅުވެފައިވެއެވެ. ސިވިލް ކޯޓުގެ އަމުރުގައި ވިދާޅުވީ އެކޯޓުން ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުޝްތަޝާރާ ޙަވާލުކުރެއްވުމަށް ކުރެއްވި ޙުކުމާ ޚިލާފުވާ ގޮތުން ހިނގާ އެފަދަ ކަންތައްތަކަކީ ދަޢުލަތުގެ އާންމު މަސްލަހަތު ދެމެހެއްޓުމާއި ދައުލަތުގެ އެންމެ މަތީ މަޞްލަހަތު ހިފެހެއްޓުމުގެ ގޮތުން، ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ މައްޗަށް ސަލާމަތީ ފަރާތްތައް މެދުވެރިކޮށް ޝަރީޢަތުގެ ފަރާތުން ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި އެޕާޓީގެ ދިދައާ ލޯގޯ ބޭނުންކޮށް އަދި ޕީޕީއެމްގެ ނަމުގައި ޖަލްސާ ބާއްވާ އެއްވެސް ހަރަކާތެއް ހިންގާ ހަދާނަމަ އެކަމެއް ހުއްޓުވުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރައްވާ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ. އަދި ޕީޕީއެމްގެ ރައީސްގެ ނަމުގައި ހިންގާ އޮފީހުގެ ހިންގުން ހުއްޓުވުމަށާއި އެތަނުގައި ނަގާފައިވާ އެޕާޓީގެ ދިދަ އެ އޮފީހުން ނަގައި އެތަނުގައި އެފަދަ އެއްވެސް ޙަރަކާތެއް ހިންގިޔަ ނުދިނުމަށްވެސް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ވަނީ އަމުރުކުރައްވާފައެވެ.