ޕެރެގުއޭ ބަލިކޮށް، 2018ގެ ފީފާ ވޯލްޑްކަޕަށް ބްރެޒިލް ކޮލިފައިވެ، އާޖެންޓީނާ ބޮލީވިއާ އަތުން ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ޕެރެގުއޭގެ މައްޗަށް ބްރެޒިލް ކުރިހޯދީ 3-0 ނެވެ. މެޗުގައި ބްރެޒިލްގެ ލަނޑުތައް ޖަހައިދިނީ ފިލިޕް ކޮޓީނިއޯ، ނޭމާ އަދި މާސެލޯއެވެ.
ރޭގެ މެޗަކީ މިދިޔަ އަހަރުގެ މާރޗް މަހުގެ ފަހުން ކެޕްޓަން ބޭންޑާއިއެކެ ނޭމާ ކުޅުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ. ވޯލްޑްކަޕަށް ދެކުނު އެމެރިކާ ސަރަހައްދުން ކޮލިފައިވި ފުރަތަމަ ޓީމަކަށް ބްރެޒިލް ވެގެންދިޔައިރު، އެޓީމް ތާވަލްގެ އެއްވަނާގައި އޮތީ 9 ޕޮއިންޓްގެ ލީޑަކާއެކުއެވެ.
ރޭގެ މެޗަށްފަހު ބްރެޒިލްގެ ކޯޗް ޓީޓޭ ބުނީ ވޯލްޑްކަޕަށް ކޮލިފައިވުމަކީ މުޅި ބްރެޒިލްއަށް ލިބުނު އުފަލެއްކަމަށާއި، ޓީމެއްގެ ގޮތުގައި ބްރެޒިލުން ރޭގެ މެޗުގައިވެސް މޮޅަށް ކުޅުނުކަމަށެވެ.
"ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައިވުމަކީ މުޅި ގައުމަށް ލިބުނު އުފަލެއް، ރޭގެ މެޗުގައި ހުރިހާ ކުޅުންތެރިންވެސް ބޭނުންވި ގޮތަށް ކުޅުނު" މެޗަށްފަހު ކޯޗު ބުންޏެވެ.
ފީފާ ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ސަރަހައްދުގެ ގްރޫޕް ސްޓޭޖުގައި ބޮލީވިއާ އަތުން އާޖެންޓީނާ ބަލިވީ 2-0 ނެވެ. މެޗުގައި ބޮލީވިއާގެ ދެ ލަނޑު ޖެހީ ހުއާން ކާލޯސް އަދި މާރސެލޯ މާޓިންސްއެވެ.
ރޭގެ މެޗު ފެށުމުގެ ފަސް ގަޑިއިރުކުރިން ފީފާއިން ވަނީ އާޖެންޓީނާގެ ކެޕްޓަން އަދި ފޯވާޑް ސަސްޕެންޑްކޮށްފައެވެ. މެސީ ސަސްޕެންޑްކުރީ އެންމެ ފަހުން ކޮލިފައިންގައި ޗިލީ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި އެސިސްޓަންޓް ރެފްރީއާއި ބޭއަދަބީ ބަހުން މުޚާތަބުކުރިކަމަށް ބުނެއެވެ. ފީފާއިން މެސީ ހަތަރު މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން، 8100 ޕައުންޑުން އޭނާ ޖޫރިމަނާވެސް ކުރިއެވެ.
img:http://s4.psmnews.mv/images/660x400/14907622876917.jpg|އާޖެންޓީނާގެ ފޯވާޑް ލަޔަނަލް މެސީ، ފީފާއިންވަނީ އޭނާ 4 މެޗަށް ސަސްޕެންޑްކޮށްފައި / ފޮޓޯ : ޒިންހުއާ
ސަސްޕެންޝަންގެ ސަބަބުން މެސީއަށް ރޭގެ މެޗުގެ އިތުރުން، ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާއަށް ކުރިއަށް އޮތް ތިން މެޗުގައިވެސް ނުކުޅެވޭނެއެވެ. އެއީ ބްރެޒިލް، އުރުގުއޭ އަދި ވެނެޒުއޭލާއާއި ދެކޮޅަށް ކުޅޭ މެޗެވެ. ބޮލީވިއާ ބަލިވުމާއިއެކު އާޖެންޓީނާ ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ 5 ވަނައަށް ވެއްޓިފައިއެވެ.
ރޭގެ މެޗަށްފަހު އާޖެންޓީނާގެ ކޯޗް އެޑްގާޑޯ ބައުޒާ ބުނީ މެޗަށް ފަސް ގަޑިއިރަށް ވެފައިވަނިކޮށް މެސީ ސަސްޕެންޑްކުރުމުން ހައިރާންވެއްޖެކަމަށާއި، ޓީމަށް ތައްޔާރުވެލަންވެސް ވަގުތުކޮޅެއް ނުލިބުނުކަމަށެވެ. ޓީމްގެ އެންމެ މުޙިންމު ފޯވާޑާއި ނުލައި ކުޅެން ޖެހުމުން މެޗުގައި އުނދަގޫތަކެއް ކުރިމަތިވިކަމަށްވެސް ބައުޒާ ފާހަގަކުރިއެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު އެމެރިކާ ސަރަޙައްދުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ކޮލަމްބިޔާ ވަނީ އިކުއެޑޯގެ މައްޗަށް 2-0 ން ކުރި ހޯދާފައެވެ. ޗިލީ އަދި ވެނެޒުއޭލާގެ ކުރިމަތިލުން 3-1 ން ކާމިޔާބުކުރީ ޗިލީއެވެ. ޕެރޫ ވަނީ 2-1 ން އުރުގުއޭ ބަލިކޮށްފައެވެ.