3 ވަނަ ސެންޓްރަލް ޒޯން ސީނިއަރ މެންސް ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ކިރިގިސްތާން ޖާގަ ހޯދައިފިއެވެ.
ކިރިގިސްތާން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް މެޗްގައި ނޭޕާލާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 16-25އިން ކިރިގިސްތާން ކާމިޔާބުކުރިއިރު ޖެހިގެންއައި ދެ ސެޓު ނިމިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ދެ ސެޓުވެސް ކާމިޔާބުކުރީ ކިރިގިސްތާނުންނެވެ. އެއީ 23-25 އަދި 20-25އިންނެވެ.
މިއަދުގެ މެޗަށްފަހު ކިރިގިސްތާން ޓީމްގެ ކިލިޗް ސަރްބަގިޝިއޭވް ބުނީ އުއްމީދުކުރި ގޮތަށް ނޭޕާލުން ވަރަށް ވަރުގަދަ ވާދައެއް ކުރިކަމަށާއި، އެހެންނަމަވެސް ޓީމަށް އިތުބާރު އޮތްކަމަށް. ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ކޮންމެ މެޗެއްގައި ތަފާތު ދައްކާކަމަށާއި، މިއަދު މެޗުންވެސް ފުރުސަތު ދިން ކުޅުންތެރިންގެ ކުޅުން ފާހަގަވާކަމަށެވެ. އަދި ފައިނަލަށް ނިކުންނައިރު މިއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.
"މެޗަށް ނިކުތްއިރުވެސް އިނގޭ ނޭޕާލުން ވަރުގަދަ ވާދައެއް ކުރާނެކަން، ސަބަބަކީ ސެމީ ފައިނަލަކުން ބަލިވާން އެއްވެސް ބަޔަކު ބޭނުން ނުވާނެތީ، ޓީމްގެ ކުޅުންތެރިންނަށް އިތުބާރު އޮތް އަބަދުވެސް، ފައިނަލަށް ތައްޔާރުވުން ދެން އޮތީ" ކިރިގިސްތާން ޓީމްގެ ކިލިޗް ސަރްބަގިޝިއޭވް ބުންޏެވެ.
މިއަދުގެ މެޗުން ބަލިވި ނޭޕާލް ޓީމްގެ ކޯޗް ޖަގްދީޝް ޕްރަސާދް ބުނީ ކިރިގިސްތާން ޓީމަކީ ހުރިހާ ގޮތަކުން ބެލިޔަސް ނޭޕާލަށްވުރެ ވަރުގަދަ ޓީމެއްކަމަށާއި، ކިރިގިސްތާން މާ މޮޅީކަމަށް. އެހެންނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ޓީމުން ބޮޑު ކުރިއެރުމެއް ފެނުނުކަމަށް ކޯޗް ބުންޏެވެ.
"ހުރިހާ ގޮތަކުން ބެލިޔަސް ކިރިގިސްތާން މާ ވަރުގަދަ، އެމީހުން މާ މޮޅު އަހަރެމެން ޓީމާ ބަލާއިރު، އެކަމަކުވެސް ޓީމުން ރަނގަޅު ކުޅުމެއް ދެއްކި. ހިތްހަމަޖެހޭ ނަތީޖާއާއިމެދު" ނޭޕާލް ޓީމްގެ ކޯޗް ޖަގްދީޝް ޕްރަސާދް ބުންޏެވެ.
މި މެޗުން މޮޅުވުމާއިއެކު ކިރިގިސްތާން ފައިނަލްގެ ޖާގަ ހޯދިއިރު، މެޗުން ބަލިވި ނޭޕާލަށްވަނީ މި މުބާރާތުގެ ތިންވަނަ ލިބިފައެވެ.