މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހިންގަވާ އެންޓި މައިކްރޯބިއަލް ރެސިސްޓެންޓް ޕްރޮގްރާމްގެ ދަށުން، ކްލިނިކަލް ލެބޯޓްރީތަކުގައި ކުރާ އެންޓިބަޔޮޓިކްސްގެ ސެންސިޓިވިޓީ ޓެސްޓް ހަރުދަނާ ކުރުމާއި، ސްޓޭންޑެޑައިޒްކުރުމާއި، ރާއްޖޭގެ ހުރިހާ ހިސާބަކުން މިކަމާގުޅުން ހުރި މަޢުލޫމާތު ލިބޭ ފެންވަރުގެ ޤައުމީ ނިޒާމެއް ޤާއިމްކުރެއްވުމަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. މިމަސައްކަތުގެ ދަށުން، މިއަދު ވަނީ މާލޭގެ ހޮސްޕިޓަލްތަކާއި މާލޭގެ ކްލިނިކްތަކާއި، ޞިއްޙީ އިދާރާތަކުގެ ކަމާއިގުޅޭ ބޭފުޅުންނަށް އަމާޒުކުރައްވައިގެން ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށްޓަވާފައެވެ.
"ވޯކްޝޮޕް އޮން ލެބޯޓްރީ ސަވައިލެންސް އޮފް އެންޓި-މައިކްރޯބިއަލް ރެސިސްޓެންޓް" ގެ ނަމުގައި ކުރިޔަށްގެންދަވާ މިބައްދަލުވުމުގައި 30 ބޭފުޅުން ބައިވެރިވިއެވެ. މިބައްދަލުވުން އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން، ހެލްތު މިނިސްޓަރުގެ ނާއިބު މުޙައްމަދު ރަފީޤް ޙަސަން ވިދާޅުވީ، ބަލިތަކަށްދޭ އެންޓިބަޔޮޓިކްސްގެ ތަފާތު ވައްތަރުތައް ހުރި ނަމަވެސް، އެންޓިބަޔޮޓިކަށް ހޭނުން ނުވަތަ ނުގުޑުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. އަދި، ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވީނަމަވެސް، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އިސްތިސްނާވެވެން ނެތްކަމަށާއި، މިކަން ޙައްލުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ލެބޯޓްރީ ޤާއިމްކުރައްވާ ހަރުދަނާ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އެންޓިބަޔޮޓިކަށް ހޭނިފައިވާ މިންވަރު ދެނެގަތުމަށް އެކަށީގެންވާ ދިރާސާއެއް ކުރެވިފައި ނުވިނަވަމެސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބައެއް ހޯދުންތަކުން ރާއްޖޭގައި ބޭހަށް ނުގުޑާ ބައެއް ބަލިތައް ހުރިކަން ފާހަގަކުރެވޭކަމަށެވެ.
"އެމް.އެފް.ޑީ.އޭއިން ހަދާފައިވާ ޕްރިސްކްރިޕްޝަން އެނަލައިިސިސްއަށް ބަލާއިރު، ނަހަަމަ ގޮތުގައި އެންޓިބައޮޓިކް ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައި. ބޭސް ސިޓީއާނުލާ ބައެއް ފިހާރަތަކުން ބޭސްވިއްކުމާއި،އަދި މީހުން އެ ބޭނުންކުރާކަން ފާހަގަކުރެވޭ. އަދި ޑޮކްޓަރެއްގެ އިރުޝާދަކާނުލާ، އާއްމުކޮށް ފަތުރާ ވައިރަލް ރޯގާއަށްވެސް އެންޓިބައޮޓިކްސް ބޭނުންކުރާކަން ފާހަގަކުރެވޭ. އަދި އެންޓި ބައޮޓިކް ޑޯޒް ފުރިހަމަ ނުކޮށްގެންވެސް މައްސަލަަތައް ދިމާވެފައި ހުރިކަން އެނަލައިސިސްއިން ފާހަގަކުރެވޭ." ހެލްތު މިނިސްޓަރގެ ނާއިބު މުޙައްމަދު ރަފީޤް ޙަސަން ވިދާޅުވިއެވެ.
އައި.ޖީ.އެމްއެޗްގެ ޕެތޮލޮޖީ ޑިޕާޓްމެންޓްގެ ހެޑް ޑރ. އަލީ ލަތީފު ވިދާޅުވީ، ރާއްޖެއިންވެސް އެންޓިބައޮޓިކަށް ނުގުޑާ ބަލިތައް ފެންނަ ކަމަށާއި މިކަމަށް ޙައްލެއް ހޯއްދެވުމަށް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ.
"އަޅުގަނޑަށް ޔަޤީން ރާއްޖޭގައި ޖަރާސީމަށް ނުގުޑާ ބަލިތައް ވަރަށް ގިނަވާނެކަން. ބައެއް ފަހަރު އެބަފެނޭ ބޭހަށް ނުގުޑާ ޓީބީ ކޭސްތައްވެސް. އެހެންކަމުން މިކަހަލަ ވޯކް ޝޮޕްތައް ބާއްވައިގެން އަޅުގަނޑުމެންނަށް ޖަރާސީމު އައިޑެންޓިފައި ކުރެވިއްޖެއްޔާމު އެންޓިބައޮޓިކްސް ދޭންވެސް އަޅުގަނޑުމެންނަށް ފަސޭހަވާނެ. އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ރާއްޖޭގައި އެންޓިބައޮޓިކަން ރެސިސްޓެންޓް ވާންޖެހޭ ބައިވަރު ސަބަބުތައް އެބަހުރި. އޭގެ ތެރޭގައި މާގިނައިން އެންޓިބައޮޓިކްސް ބޭނުންކުރުމާއި، ޑރ ދޭ ގޮތާއި ޚިލާފަށް ބޭނުންކުރުން ހިމެނޭ. އަިދި އެހެނިހެން ބައިވަރު ސަބަބުތަކާހުރެވެސް އެންޓްި މައިކްރޯބިއަލް ރެސިސްޓެންޓް ރާއްޖޭގައި ދަނީ ގިނަވަމުން. މިކަން ޙައްލުކުރުމަށްޓަކައި ތަފާތު ކަންކަން އެބަކުރަންޖެހޭ. އޭގެ ތެރެއިން ވަރަށް މުހިންމު ކަމެއް ލެބޯޓްރީ ޓެސްޓު ހެދުން ހަރުދަނާ ކުރެއްވުމަކީވެސް." އައި.ޖީ.އެމްއެޗްގެ ޕެތޮލޮޖީ ޑިޕާޓްމެންޓްގެ ހެޑް ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.
މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދަވާ، މިބައްދަލުވުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އައިޖީއެމްއެޗާއި ޑަބްލިއު.އެޗް.އޯ ގުޅިވަޑައިގެން ބާއްވަވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގެ ސަބަބުން އެންޓި ބަޔޮޓިކްސްއަށް ހޭނުން ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ލެބޯޓްރީ ޓެސްޓުތައް ހަރުދަނާކުރެވޭނެ ކަމަށާއި، އަދި މިކަން ރާއްޖޭގައި ފެތުރިފައިވާ މިންވަރު ދެނެގަނެވި މިކަން ހުއްޓުވުމަށް، ޤައުމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައްވެސް ދެނެގަތުމަށް ފަސޭހަވެގެންދާނެކަމަށްވެސް އެމް.އެފް.ޑީއޭއިން ވިދާޅުވެއެވެ.