ތަރައްްޤީ

4 މަސްދުވަހުގެ ތެރޭގައި ތިނަދޫ އިސްލާމީ މަރުކަޒު ހުޅުވަނީ


ހުވަދުއަތޮޅު ދެކުނުބުރީގައި ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ތިނަދޫގައި ބިނާކުރައްވާ އިސްލާމީ މަރުކަޒު ތަރައްޤީކުރެއްވުމުގެ ބިޔަ މަޝްރޫޢުއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ބިނާކުރައްވާ އެންމެ ބޮޑު މިސްކިތެވެ. އަދި އަތޮޅެއްގައި ޢިމާރާތްކުރައްވާ އެންމެ ފުރަތަމަ އިސްލާމީ މަރުކަޒުވެސްމެއެވެ.

އެއްފަހަރާ ތިންހާސް މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މި މިސްކިތް ބިނާކުރެއްވުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެމްއާރުޑީސީއާއެވެ. މި މިސްކިތުގެ ތަނބުތައްޖަހާ ރޭނުމުގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. އަދި ފުރަތަމަ ބައިގެ ކޮންކުރީޓް މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިންމާފައިވާއިރު މިސްކިތުގެ ދެވަނަ ފަންގިފިލާގެ މަސައްކަތުގެ ބޮޑު ބައެއްވެސް ވަނީ ނިމިފައެވެ.

ގދ. ތިނަދޫގައި ސަރުކާރުން ބިނާކުރައްވާ އިސްލާމީ މަރުކަޒު ޢިމާރާތަކީ ދެބުރީގެ ޢިމާރާތެކެވެ. ޢިމާރާތް ފަރުމާކުރައްވާފައިވަނީ ތިރީ ބައިގައި އޮފީސް ޢިމާރާތަކާއި، ވުޟޫކުރާ ބައެއްގެ އިތުރުން ޖަލްސާކުރާ ހޯލަކާއި ޤުރުއާން ކިޔަވައިދޭ 4  ކްލާސްރޫމު ހިމެނޭގޮތަށެވެ. މި ޢިމާރާތުގެ މަތީބައި ފަރުމާކޮށްފައިވަނީ ނަމާދުކުރާ ބައެއްގެ ގޮތުގައެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ސަރުކާރުން ބިނާކުރައްވާ އިސްލާމީ މަރުކަޒުގެ މަޝްރޫޢަށް ތިރީސް ހަތަރެއް ޕޮއިންޓް ހަތަރެއް މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެއެވެ.

މިއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ބިނާކުރައްވާ ޢިމާރާތެކެވެ. ތިނަދޫގައި ސަރުކާރުން ބިނާކުރައްވާ އިސްލާމީ މަރުކަޒުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެތެރޭގައި މުޅިން ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާކުރައްވައެވެ.