2017 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅުއްވި 26.7 ބިލިއަން ރުފިޔާގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
2017 ވަނަ އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްވީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 60 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. ބަޖެޓް ފާސްކުރައްވަން ފެނިވަޑައިނުގަންނަވާ ވޯޓު ދެއްވާފައިވަނީ 15 މެމްބަރުންނެވެ. ވަކިގޮތަކަށް ވޯޓް ނުދެއްވާ 2 މެމްބަރަކު އިންނެވިއެވެ.
އަންނަ އަހަރަށް ލަފާކުރައްވައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ 26.7 ގެ ބަޖެޓް ސަރުކާރުން އެކުލަވާލާފައިވާނީ، ރިކަރަންޓް ޚަރަދުން ދަރަންޏަށް އިތުރުވާ މިންވަރު ކުޑަކޮށް، ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. ބަޖެޓު އެކުލަވާލެވިފައިވަނީ، ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް މެދުވެރިކޮށް އިޤްތިޞާދީ އާ ފުރުޞަތުތައް އުފެއްދުމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި %51 ހޭދަކުރައްވަން ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އަދި %49 ޙިއްޞާކުރާނީ ކެޕިޓަލް ޚަރަދުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 14 ބިލިއަން ރުފިޔާގެ ތެރެއިން %61 ހޭދަކުރެވޭނީ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި ޕެންޝަނަށެވެ. މަޖިލީހުން ފާސްކުރެއްވި ބަޖެޓުގައި ސަރުކާރުންދެއްވާ އެހީއާއި ސަބްސިޑީއަށް %9 ހޭދަކުރެއްވުމަށް ކަނޑައަޅުއްވާފައިވެއެވެ. އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތުގެ ޚަރަދަށް ބަޖެޓުގެ %16 ޚަރަދުކުރެވުމަށްވެސް ކަނޑައަޅުއްވާފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް ޚަރަދު ވަނީ ގާތްގަނޑަކަށް 300 އިންސައްތަ ބޮޑުވެފައެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސަރުކާރުން އެކުލަވާލާފައިވާނީ، ރިކަރަންޓް ޚަރަދުން ދަރަންޏަށް އިތުރުވާ މިންވަރު ކުޑަކުރައްވައި، ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މައްޗަށެވެ. 2017 ވަނަ އަހަރަށް ލަފާކުރައްވާ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީއަށް ޖުމްލަ 704 މަޝްރޫޢެއް ކަނޑައަޅުއްވާފައިވީ ނަމަވެސް، ބަޖެޓް ދިރާސާކުރި ކޮމެޓީން ވަނީ ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް 21 މަޝްރޫޢެއް އިތުރުކުރައްވާފައެވެ. ނަމަވެސް ބަޖެޓްގެ ޖުމްލަ އަދަދަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި އަލަށް ފަށްޓަވާ 293 މަޝްރޫޢު ހިމަނުއްވާފައިވާއިރު، އެ މަޝްރޫޢުތަކަށް 2.9 ބިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓްކުރައްވާފައިވެއެވެ. އޭގެތެރޭގައި މިހާރު ހިނގަމުންދާ 411 މަޝްރޫޢަށް 5.1 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޕީ.އެސް.އައި.ޕީ އަށް 8 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިމަޝްރޫޢުތަކަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ޢާންމު ބަޖެޓުން 4.3 މިލިއަން ރުފިޔާ، ބޭރުގެ ލޯން އެހީއިން 2.8 މިލިއަން ރުފިޔާ އަދި ހިލޭ އެހީއިން 793.1 މިލިއަން ރުފިޔާއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ބާރުއަޅައި މަޖިލީހުން ފާސްކުރެއްވި ބަޖެޓުގައި، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރައްވާފައިވެއެވެ.
މި ބަޖެޓަށް ޢާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރައްވާފައިވަނީ، ޓެކުހުގެ ގޮތުގައި ލިބޭ 14.1 ބިލިއަން ރުފިޔާ، ޓެކްސް ނޫން ގޮތް ގޮތުން ލިބޭ 4.8 ބިލިއަން ރުފިޔާއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 876 މިލިއަން ރުފިޔާއެވެ. އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކުން 2 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯއްދެވުމަށް ސަރުކާރުން ހުށަހެޅުމަށް ނިންމަވާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި، ބިންވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން އިޤްތިޞާދީ ބޭނުންތަކަށް ބިންވިއްކުމާއި، ސިއްޙަތަށް ގެއްލުން ހުރި ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ތަރައްޤީކުރާ މަޝްރޫޢުތަކުން ލިބޭ އެކިއުޒިޝަން ފީ ހިމެނެއެވެ. އަދި މާލެ ސަރަޙައްދުގެ ދުއްވާ ތަކެތީގެ ތޮއްޖެހުން ކުޑަކުރުމަށް ކޮންޖެޝަން ޗާޖެއް ތަޢާރަފުކުރުމާއި، ޓެކްސީ އާއި ޕިކަޕް ހުއްދައިގެ ކޯޓާގެ ނިޒާމު ހަރުދަނާކުރައްވައި ހުއްދަތައް ވިއްކަން ފެއްޓެވުންވެސް ހިމެނެއެވެ.
މީގެ އިތުރަށް ސޮވެރިން ޑިވަލޮޕްމަންޓް ފަންޑެއް ޤާއިމްކުރެއްވުމަށްޓަކައި އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖެއް ނެގުންވެސް އަންނަ އަހަރަށް ލަފާކުރައްވާ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބަޖެޓްގައި އާމްދަނީ އިތުރުކުރުމަށްވެސް ހިމަނުއްވާފައިވެއެވެ.