ޖީއެމްއާރު އާބިޓްރޭޝަންގެ މައްސަލައިގައި ދައްކަންޖެހޭ ފައިސާ އެކުގައި މިއަދު ދައްކައި ޚަލާޞްކޮށްފިއެވެ.
ޖީއެމްއާރަށް ދެއްކެވި ފައިސާގެ ޢަދަދަކީ 271 މިލިޔަން ޑޮލަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޢުލޫމާތުދެއްވަމުން ދައުލަތުގެ ބަންޑާރަނާއިބް އަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ ދިވެހިރާއްޖެއިން މިފައިސާ ޖީއެމްއާރަށް ދެއްކުން އަވަސްކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވީ ދިވެހި ރައްޔިތުން މިކަމަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު، އިންޓަރެސްޓްގެ ސަބަބުން އިތުރުވަމުންދާނެތީކަމަށެވެ. އަދި މިފައިސާ ދެއްކުމާއެކު އިންޑިއާގެ ޖީއެމްއާރަށް، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް، ކުއްޔަށް ދިނުމާއި އަދި އެއަރޕޯޓް އަނބުރައި އަތުލުމާ ގުޅިގެން ހިނގައިދިޔަ ހުރިހާ ކަމެއް މުޅިން ނިމުމަކަށް ގެނެވިފައިވާކަމަށްވެސް ބަންޑާރަނާއިބް ވިދާޅުވިއެވެ.
ދިވެހި ދައުލަތުން ޖީއެމްއާރަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބަޖެޓުންނެވެ. ބަންޑާރަނާއިބް އަނިލް ވަނީ އެމްއޭސީއެލްގެ ބަޖެޓުން މި ފައިސާ ދެއްކެވި ނަމަވެސް މީގެ ސަބަބުން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުތަކަށްވެސް އަދި އެމްއޭސީއެލްގެ ހިންގެވުމަށްވެސް އެއްވެސް ނޭދެވޭ އަސަރެއް ނުުކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ބަންޑާރަނާއިބްގެ ވާހަކަފުޅުގައި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް، ޖީއެމްއާރާ ޙަވާލުކުރުމަށް ދިވެހިރާއްޖެއާއި ޖީއެމްއާރާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅޭގޮތުން ބައެއް ބޭފުޅުންގެ އެއްބާރުލުން ހޯއްދެވުމަށް ކުރެވި މަސައްކަތަށް އެއްބާރުލުން ދެއްވާފައި ނުވާކަންވެސް ފާހަގަކުރައްވާފައެވެ. ބަންޑާރަނާއިބް ވިދާޅުވީ ރާއްޖޭގެ އެއަރޕޯޓް ޖީއެމްއާރަށް ދޫކުރެއްވި ދުވަސްވަރު ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ފަހުން ދިވެހި ސަރުކާރަަށް ގެއްލުންވާނެ ގޮތަށް ޖީއެމްއާރުގެ މައްސަލައިގައި ޢަމަލުކުރައްވާފައިވާކަމަށެވެ. އަދި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް، ޖީއެމްއާރާ ޙަވާލުކުރުމަށް ދިވެހިރާއްޖެއާއި ޖީއެމްއާރާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅުންހުރި ބައެއް ލިޔުންތައް، ސަރުކާރުގެ މުއައްސަސާތަކުގައި ނެތްކަމަށްވެސް އެޓާރނީ ޖެނެރަލް މުޙައްމަދު އަނިލް ވިދާޅުވިއެވެ.
އިބްރާޙީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުއްޔަށްދެއްވުމަށް ރައީސް ނަޝީދުގެ ސަރުކާރުން ނިންމެވި ނިންމެވުން ނިމުމަކަށް ގެންނެވުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވަނީ އެ އެއްބަސްވުމަކީ އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ޖީ.އެމް.އާރަށް ބުރަވާގޮތަށް އަދި ދިވެހި ސަރުކާރާއި އެމް.އޭ.ސީ.އެލްގެ ޙައްޤުތަކާއި މަސްލަޙަތުތަކަށް އިންތިހާއަށް ގެންލުންވާގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމަކަށްވާތީކަމަށެވެ. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޖީ.އެމް.އާރު ކުންފުންޏަށް ކުއްޔަށްދީފައިވަނީ 28 ޖޫން 2010 ގައި، އަދި އެ އެގްރީމެންޓް ނިމުމަކަށް ގެންނަވާފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ.
މިކަމާގުޅިގެން އިންޑިއާގެ ޖީއެމްއާރު ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށައެޅި މައްސަލައިގައި ވަނީ އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލުކުރުމާ ގުޅިގެން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯއްދަވައިދެއްވުމަށެވެ. އެހެންނަމަވެސް އާބިޓްރޭޝަނުން ނިންމަވާފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 208 މިލިއަން ޑޮލަރާއި ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި އަރާފައިވާ އިންޓްރެސްޓްގެ ފައިސާ ދެއްކުމަށެވެ. މިއާއެކު ދިވެހި ސަރުކާރުން ޖީއެމްއާރް އަށް ދޭންޖެހޭކަމަށް އާބިޓްރޭޝަނުން ކަނޑައަޅާފައިވަނީ 250 މިލިއަން ޑޮލަރެވެ. މިއީ އެކުންފުނިން ހުށައެޅި އަގަށްވުރެ 82 އިންސައްތަ ދަށް އަދަދެކެވެ.
ޖީއެމްއާރު ކުންފުނި އަތުން އެއަރޕޯޓު ހޯދައި، އެތަނުގެ ހިންގުމާއި އެމްއޭސީއެލް ހަވާލުވި އަހަރު، އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި އެއް ބިލިޔަން ރުފިޔާ ލިބުނުކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގެވުމާ ދިވެހި ސަރުކާރުން ހަވާލުވިފަހުން، ދިވެހި ސަރުކާރުން ވަނީ އެއަރޕޯޓް ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭނެއް އިޢުލާނުކުރައްވައި އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވާފައެވެ. އަދި އަހަރުން އަހަރަށް އެއަރޕޯޓުން ލިބޭ ޢާމްދަނީ އިތުރުވަމުން އަންނަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ހަމައެއާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދީ މައި ދޮރޯށި ބޭރުބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ދިވެހިން ބޭނުން ނުވާގޮތަކަށް ކަންތައްތައް ގެންދިއުމުގެ ބާރު ނޯންނާނެކަންވެސް ދިވެހި ސަރުކާރުން ފާހަގަކުރައްވައެވެ.