ޚަބަރު

ތިންވަނަ ގްރޭންޑް ސްލޭމާ ގާތަށް ގައުފް ޖެހިލައިފި


  • ގައުފް މެޗު ކާމިޔާބުކުރީ ދެ ސެޓުން ޖޮވިޗް ބަލިކޮށްގެން

  • ގައުފްވަނީ 2023 ވަނަ އަހަރުގެ ޔޫ.އެސް އޯޕަން ކާމިޔާބުކޮށްފައި

އަހަރުގެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ކުއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށް، ކޯކޯ ގައުފް އޭނާގެ ތިންވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިއެވެ.

އާތަރ އޭޝް ސްޓޭޑިއަމްގައި ކުޅުނު މެޗުން، މުބާރާތުގެ ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ގައުފް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައިވަނީ، އެމެރިކާގެ އައިވާ ޖޮވިޗްގެ މައްޗަށް 6-1 އަދި 6-4 އިން ކުރިހޯދައިގެންނެވެ.

2023 ވަނަ އަހަރުގެ ޔޫ.އެސް އޯޕަން ކާމިޔާބުކޮށް ފުރަތަމަ ގްލޭން ސްލޭމް ތަށި އުފުލާލި ގައުފް، މުބާރާތުގައި 14 ވަނައަށް ސީޑް ކޮށްފައިވާ ޖޮވިޗާ ދެކޮޅަށް ކުޅުނު މެޗު ފާހަގަކުރެވުނީ ވަރުގަދަ މެޗެއްގެ ގޮތުގައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ގައުފް ނުކުންނާނީ ރަޝިއާގެ މީރާ އަންޑްރީވާ އާއި ދެކޮޅަށެވެ. މިމެޗު ވެގެންދާނީ، ފްރެންޗް އޯޕަންގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފޯރިގަދަ ކުރިމަތިލުމަކަށެވެ.

މުބާރާތުގައި މީގެ ކުރިން އެލެކްސެންޑްރާ އިއެލާ އަތުން މޮޅުވެ، 18 އަހަރުގެ ޖޮވިޗްވަނީ ރަނގަޅު ކުޅުމެއްދައްކާފައެވެ. އެހެން ނަމަވެސް ގައުފް އާ ވާދަކުރި މެޗު ފާހަގަވެގެންދިޔައީ ޖޮވިޗްއަށް ގޮންޖެހުންތަކާ ކުރިމަތިވި މެޗެއްގެ ގޮތުގައެވެ. ގައުފްގެ ބާރުގަދަ ހަމަލާތަކާ، ރަނގަޅު ސާވްތަކުގެ ސަބަބުން ޖޮވިޗްއަށްވަނީ މެޗުގައި އޭނާގެ ކުޅުން ދެއްކޭގޮތް ނުވެފައެވެ.

މެޗުގެ ކުރީކޮޅު ދެ ކުޅުންތެރިންގެ ފަރާތުންވެސް ސާވްތައް ބްރޭކްވިތަން ފެނުނު ނަމަވެސް، ގައުފްވަނީ ކުޅުން ރަނގަޅުކޮށް އިތުރު ދެ ބްރޭކާއެކު ބައިގަޑިއެއްހާއިރުތެރޭ ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ.

އަދި ދެވަނަ ސެޓުގައި ޖޮވިޗްގެ ސާވްތައް ރަނގަޅުކޮށް، ގައުފްގެ ސާވްއެއް ބްރޭކްކޮށް، މެޗުގެ އޮއިވަރު ބަދަލުކޮށްލަން ޖޮވިޗް މަސައްކަތްކުރި ނަމަވެސް އެކަންވަނީ އޭނާއަށް ކާމިޔާބުވާގޮތްނުވެފައެވެ. އަދި ޖޮވިޗްއަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގާ، ގައުފްވަނީ މިމެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އިތުރު މެޗުތަކަށް ބަލާއިރު، ލުއީ އާމްސްޓްރޯންގ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މެޗު ކަރަން ޚަޗަނޯވް ވަނީ، އެމެރިކާގެ ޒުވާން ކުޅުންތެރިޔާ ލާނާ ޓިއެންއާ ވާދަކޮށް ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްފައެވެ. އެއީ ހަތެއް ފަހެއް، ހަތަރެއް ހައެއް، ހައެއް ހަތެއް، ހައެއް އެކެއް އަދި ހައެއް ތަރަކުންނެވެ.

މީގެ އިތުރުން ގްރޭންޑް ސްޓޭންޑް ކޯޓުގައި ފަސް ގަޑިއިރަށް ދެމިގެންދިޔަ ވަރުގަދަ ކުރިމަތިލުމަކަށްފަހު، އާތަރ ގިއާގެ މައްޗަށް ބޮޓިކް ވަން ޑި ޒޭންޑްޝުލްޕް ވަނީ ކުރިހޯދާފައެވެ.

އުމުރުން 21 އަހަރުގެ ގިއާ އަކީ ގްރޭންޑް ސްލޭމް ތާރީޚުގައި "ލަކީ ލޫޒަރ" އެއްގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވުމާ ދާދި ގާތަށް ދިޔަ ކުޅުންތެރިއެއްކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް އޭނާގެ މި ތާރީޚީ ކާމިޔާބީއަށް ހުރަސްއެޅީ އިދިކޮޅުން ނުކުތް، ޑަޗް ކުޅުންތެރިޔާ ޑި ޒޭންޑްޝުލްޕް އެވެ. އޭނާ ގިއާ ބަލިކޮށްފައިވަނީ ފަހަތުން އަރައި ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.