ދުރު ރާސްތާ އަމާޒެއް ކަނޑައަޅައި އެމެރިކާގެ ފަރިތަކުރުންތައް ފެށުމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ތައްޔާރުވެއްޖެއެވެ.
މިއަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕުގައި ވެސް އެމެރިކާއިން ބޮޑެތި އުންމީދު ތަކެއް ކުރިއެވެ. އެކަމަކު މި ފަހަރުގެ މުބާރާތުގައި އެ ޓީމަށް ކުރިމަތިލާން ޖެހުނީ މާޔޫސްކަމާއެވެ. މި ފަހަރުގެ މުބާރާތް އެމެރިކާއިން ނިންމާލީ ގަދަ 16 ގައި ބެލްޖިއަމް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.
ޕޮޗެޓީނޯ ވަނީ ކުރިއަށް އޮތް ހަތަރު އަހަރަށް ޕްލޭނެއް ތައްޔާރުކޮށްފައެވެ. އެ ޕްލޭނުގައި އެންމެ ބޮޑު އިސްކަމެއް ދޭން ނިންމައިފައިވަނީ ޓީމުގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކުން ސަލާމަތްކުރުމެވެ.
ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް ކުރިއަށް އަރާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ފިލަޑެލްފިއާ ޔޫނިއަންގެ 16 އަހަރުގެ ކެވަން ސުލިވަން އާއި، ނިއު ޔޯކް ރެޑް ބުލްސްގެ 17 އަހަރުގެ އަޑްރީ މެހްމެޓީ ހިމެނެއެވެ. މީގެ އިތުރުން ރެޑް ބުލްސްގެ ޖޫލިއަން ހޯލް، ޔޫނިއަންގެ ނީލް ޕިއެރޭ، އޯލަންޑޯ ސިޓީގެ ޖަސްޓިން އެލިސް އަދި މިހާރު އިނގިރޭސިވިލާތުގެ ކްރިސްޓަލް ޕެލަސްއަށް ކުޅެމުން އަންނަ ޒޭވިއާ ގޯޒޯ ފާހަގަކޮށްލެވެއެވެ.
މީޑިއާ ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ އޭނާގެ ޓީމުގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބުން އެއީ ލިބޭ އުފަލެއް ކަމަށެވެ. އެކަމަކު އެ ކުޅުންތެރިން ބެލެހެއްޓުމުގައި ސަމާލުވާން ޖެހޭކަން ޕޮޗެޓީނޯ ވަނީ ހާމަކޮށްފައެވެ.
ޕޮޗެޓީނޯ އިތުރަށް ބުނީ އެންމެ މުހިންމު ކަމަކީ ހަމަހަމަކަން ހިފެހެއްޓުން ކަމަށާއި، މި ކުޅުންތެރިން ރައްކާތެރިކުރުމަކީ ކޯޗުންގެ ޒިންމާއެއް ކަމަށެވެ. ސަބަބަކީ 16 ނުވަތަ 17 އަހަރުގައި މޮޅަށް ކުޅެލުމުން، މީހުން އެ ކުޅުންތެރިންނަކީ ލިއޮނެލް މެސީ ފަދަ ބޮޑެތި ތަރިންގެ ގޮތުގައި ސިފަކުރަން ފަށާތީއެވެ. މިކަންކަން ރަނގަޅަށް މެނޭޖުނުކުރެވިއްޖެނަމަ، އެ ކުޅުންތެރިއެއްގެ މުސްތަގުބަލަށް ނުރައްކާވެދާނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ޕޮޗެޓީނޯ ބޭނުންވަނީ ޒުވާން ކުޅުންތެރިން ބަހުގެ ބަދަލުގައި ދަނޑުމަތީގައި ދައްކާ ކުޅުމުން އެ މީހުންގެ ފެންވަރު ސާބިތުކޮށްދިނުމަށެވެ.
އެމެރިކާއިން ޒުވާން ސްކޮޑެއް ނަގައި މި މަހުގެ އިންޓަނޭޝަނަލް ބްރޭކްގައި ކޭމްޕެއް ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ޕޮޗެޓީނޯގެ ޕްލޭންގެ ފުރަތަމަ ފޭސްއެވެ.
މި މަހު ބާއްވާ ކޭމްޕަށް ފުރުސަތު ދޭނީ ޒުވާން ކިތަށް ކުޅުންތެރިންނަށް ކަމެއް އަދި ނޭނގެއެވެ. ޕެރޫ، ޗިލީ، މެކްސިކޯ އަދި ކެނެޑާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ޕޮޗެޓީނޯ 26 ކުޅުންތެރިންގެ ސްކޮޑެއް ހޮވާނެއެވެ. މި ސްކޮޑު އިއުލާންކުރާނީ މި މަހުގެ 17 ހިސާބުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.