ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ސަރުކާރުން މުޅިން އަލަށް ތަރައްޤީކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.
މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ގާތްގަނޑަކަށް ހަތް މަސްދުވަހުން ނިންމާފައިވާ މަޝްރޫއެކެވެ.
ރޭގަނޑުވެސް ކުޅެވޭގޮތަށް، ލައިޓް ހަރުކޮށް އެންމެ ޒަމާނީ ފެންވަރަށް ދިއްދޫގައި ތަރައްޤީކުރި މި ވޮލީކޯޓަކީ ދިއްދޫގެ ކުޅިވަރުގެ ކުރިމަގަށް ކޮށުނު މުހިންމު މަގެއްކަމަށް ރަށުގެ ކައުންސިލްގެ ރައީސް އުސްމާން ރަޝީދުވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.
ދިއްދޫ ސްޕޯޓްސް އެރީނާގެ ގޮތުގައި ތަރައްޤީކުރުމަށް ރާވާފައިވާ ސަރަހައްދުގައި އައު ކޯޓް އަޅާފައިވާއިރު، މިއީ ކުޅިވަރު ދާއިރާގެ ތަރައްޤީގައި ރަށަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ސިފަކުރެއްވިއެވެ. އަދި މިއީ ރަށުގެ ވޮލީ އާއިލާގެ ދުވަސްވީ އުންމީދެއް ހަގީގަތަކަށްވުންކަމަށާއި އައު ކޯޓާއެކު ފެންވަރު ރަނގަޅު މޮޅެތި އެތުލީޓުންތަކެއް ރަށުގައި އުފެދޭނެކަމަށް އުސްމާން ވިދާޅުވިއެވެ.
"އައު ކޯޓު މިހުންނަނީ ރަށުގެ ސްޕޯޓްސް އެރީނާގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ސަރަހައްދުގައި. މިއީ އެންމެ ރަނގަޅު ލޮކޭޝަން މިފަދަ ކޯޓަކަށް. މިރަށަކީ ކުޅިވަރުގައި ކާމިޔާބު ދިގު ތާރީޚެއް އޮތް ރަށެއް. އެހެންވީމަ ރަށުގެ ވޮލީ އާއިލާއަށް ލިބުނު މިއީ ބޮޑު ހިތްހަމަޖެހުމެއް" އުސްމާން ވިދާޅުވިއެވެ.
ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮންނަ ދިއްދޫ ޒުވާނުން ވޮލީ ކުޅުމަށް މީގެ ކުރިން ބޭނުންކުރަމުން ދިޔައީ ޒުވާނުންގެ މަރުކަޒުގައި އޮންނަ އިންޑޯ ވޮލީކޯޓެވެ. އެހެންކަމުން ރަށުގައި އަލަށް ތަރައްޤީކުރި މި އައު އައުޓްޑޯ ކޯޓާއެކު، ޒުވާނުންނަށް ފުރިހަމަ ޒަމާނީ ވޮލީކޯޓެއް ލިބިއްޖެކަމަށާ، ރޭގަނޑު މެޗުތައް ކުޅުމުގެ ފުރުސަތުވެސް މިހާރު ފަހިވެއްޖެކަމަށް ކައުންސިލްގެ ރައީސް ވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
އެމްޓީސީސީއިން މިހާރުވެސް އަންނަނީ ހއ. އަތޮޅުގެ 8 މަޝްރޫއެއްގެ މަސައްކަތްކުރަމުންނެވެ. އަދި އަތޮޅުގެ އިތުރު 6 މަޝްރޫއެއްގެ މަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީއާ ހަވާލުކުރައްވާފައެވެ.