އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން، އައިޓީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދީބު ޔޫސުފް އަލް އާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އުމްރާނީ ތަރައްޤީއާއި، އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުންވެސް ވަނީ، ރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ޒަމާންވީ އަދި ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން އެ ޤައުމުތަކުގެ ރައްޔިތުންގެ އިޤްތިޞާދީ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.
2005ވަނަ އަހަރުން ފެށިގެން އައިޓީއެފްސީގެ އެހީ ރާއްޖެއަށް ލިބެމުންދެއެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ އައިޓީއެފްސީގެ އެހީތެރިކަން ލިބިފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އައި.އެސް.ޑީ.ބީ ގުރޫޕުން ލިބުނު އެހީގެ ގޮތުގައެވެ. އެކިފަހަރުމަތިން ޓްރޭޑް ފައިނޭންސިންގ އެހީ ރާއްޖެއަށް ވަނީ ލިބިފައިވެ.