ޚަބަރު

އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފި


  • މިދިޔަ އަހަރުވެސް ބަހާފައިވަނީ ހިއްސާއަކަށް 50 ލާރި

  • އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ވަނީ ހަމަޖައްސާފައި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފިއެވެ. އެމްޓީޑީސީއިން މިގޮތަށް ފާސްކޮށްފައިވަނީ ހޮޓެލް ޖެންްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އެމްޓީޑީސީން ހޮޓެލްސް ޖެންގައި ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 1223 ފަރާތެއް ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރި ފަރާތްތަކާއި ޕްރޮކްސީކޮށް ބައިވެރިވި ފަރާތްތައް ހިމެނެއެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން އެކުންފުނީގެ ހިއްސާދާރުން އެމްޓީޑީސީގެ ބޯޑުން ހުށަހަޅާފައިވަނީ ހިއްސާއަކަށް 50 ލާރިއެވެ. މިއީ މިދިޔަ އަހަރުވެސް އެމްޓީޑީސީއިން ހިއްސާއަކަށް ބަހާފައިވާ މިންވަރެވެ. އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިއަދަދު ފާސްވީ، 98.9 އިންސައްތަ މީހުންގެ ވޯޓާއެކުއެވެ.

އެމްޓީޑީސީން ވަނީ އެކުންފުނީގެ ހިއްސާދާރުންގެ ތެރެއިން ހިއްސާގެ ފައިދާ ލިބޭނީ 11 އޯގަސްޓް 2026 ނިޔަލަށް އެކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ތިބި ހިއްސާދާރުންނަށް ކަމަށް ވިދާޅުވެފައެވެ.

މި ޖަލްސާގައި 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް އަދި ޑިރެކްޓަރުންގެ ރިޕޯޓުވެސް ވަނީ ފާސްކޮށްފައެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އެކްސްޓާނަލް އޮޑިޓަރެއްގެ ގޮތުގައި އާނެސްޓް އެންޑް ޔަންގް ހަމަޖައްސާފައިވާއިރު، އެ ކުންފުންޏަށް އުޖޫރައެއްގެ ގޮތުގައި 28،350 ދިނުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފައެވެ.

މި ޖަލްސާގައި އެމްޓީޑީސީގެ އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ 5 މެންބަރަކު 2 އަހަރުގެ ދައުރަކަށް ވަނީ އިންތިޚާބުކޮށްފައެވެ.

އެމްޓީޑީސީގެ ބޯޑަށް އިންތިޚާބުވި ފަރާތްތައް:

1. އާމިނަތު އަޒްލިފާ
2. މިއްނާ ރަޝީދު
3. އައިޝަތު ލީޒާ
4. އިބްރާހީމް ލަތީފް
5. އަޙުމަދު މުޢިއްޒު

މްޓީޑީސީގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު އެ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2 މިލިޔަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ވަނީ ލިބިފައެވެ. މިއީ 2024 ވަނަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނު 1.9 މިލިޔަން އެމެރިކާ ޑޮލަރާއި އަޅާބަލާއިރު 6.5 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރާއި އާންމު ރައްޔިތުންގެ ހިއްސާ އޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.