ޚަބަރު

މިއަހަރު މާލެ ސަރަހައްދުން 5000 އުޅަނދު ޓޯކޮށް 7000 މީހުން ޖޫރިމަނާކުރި


  • މިއަހަރުގެ މިހާތަނަށް 4,987 އުޅަނދު ޓޯވް ކޮށްފައިވޭ

  • މިއަހަރުގެ މިހާތަނަށް 200 އަށްވުރެ ގިނަ އުޅަނދު ނައްތާލި

  • މިއަހަރުގެ މިހާތަނަށް 7,094 މީހުން ޖޫރިމަނާކުރި

މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން 5000އާ ގާތްކުރާ އަދަދަކަށް އުޅަނދު ޓޯވްކޮށްފިއެވެ. ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވުމާއި ޕާކުކުރުމުގެ ސަބަބުން މިއަހަރުގެ މިހާތަނަށް 7000 ވުރެ ގިނަ މީހުން މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

މަގުމަތީގެ ތޮއްޖެހުން ކުޑަކޮށް، އަމާން މާހައުލެއް ގާއިމުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އިސްކަންދީގެން ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި، ގިނަދުވަސްވެ ބޭނުންނުކޮށް މަގުތަކުގައި ވީރާނާވާން ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.

ފުލުހުންގެ ޚިދުމަތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމުނު 2025ވަނަ އަހަރުގެ ތެރޭގައި ޖުމްލަ 11,528 އުޅަނދު ޓޯވްކޮށްފައިވެއެވެ. އަދި އޭގެތެރެއިން 1,049 އުޅަނދެއް ނައްތާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިއަހަރުގެ ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 4,987 އުޅަނދު ޓޯވް ކޮށްފައިވާއިރު، 235 އުޅަނދެއް ނައްތާލާފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މިދިޔަ އަހަރާއި މިއަހަރުގެ މިހާތަނަށް ޖުމްލަ 16,515 އުޅަނދު ވަނީ ޓޯވްކުރެވިފައިވާއިރު ޖުމްލަ 1,284 އުޅަނދު ނައްތާލާފައިވާކަން ތަފާސްހިސާބުން ހާމަވެއެވެ. ފުލުހުން ވިދާޅުވީ ޓޯވް ކުރެވުނު އުޅަނދުތަކުގެ ތެރޭގައި ކާރު، ވޭން، ޕިކަޕް، ލޮރީ، ސައިކަލް، ބެޓްރީ ސައިކަލް، އަދި ބައިސްކަލް ވެސް ހިމެނޭކަމަށެވެ.

އުޅަނދު ޓޯވްކުރުމުގެ މަރުހަލާގައި ހިނގާ ކަންކަމާއި، އޭގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، މަގުމަތީގައި ދުއްވާ އުޅަނދުތަކަށް ހެދިފައި ހުންނަ ގަވައިދުތަކަށް އަހުލުވެރިވުމަކީ ފަރުދީގޮތުން ކޮންމެ މީހަކުވެސް އަޅަންޖެހޭ ފިޔަވަޅެކެވެ.

ޓޯ އަދި ޖޫރިމަނާކުރާ ހާލަތްތައް:

* ގަވާއިދާ ޚިލާފަށް ޕާކުކުރުން
* ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ދުއްވުން
* ކަނޑައެޅިފައިވާ ޒޯން ނޫން ޒޯނެއްގައި އުޅަނދު ބޭއްވުން
* މަގުމަތީގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ދޫކޮށްލާފައި ހުރުން

ގަވާއިދާ ޚިލާފަށް އުޅަނދު ދުއްވުމާއި ޕާކުކުރުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާގެ އަދަދުތަކަށް ބަލާއިރު 2025ވަނަ އަހަރު 10,161 މީހުން ޖޫރިމަނާކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 7,094 މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. އެހެންކަމުން މުއްދަތުގައި ޖުމްލަ 17,255 މީހުން ޖޫރިމަނާކުރެވިފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

މަގުމަތީގެ ހާދިސާތައް މަދުކުރުމަށާއި، އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

ކޮންމެ ފަރުދަކީވެސް މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރި، އެ ގަވާއިދުތަކަށް ބޯލަނބާ މީހަކަށް ވުމަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެހީގެ ވެރިފަރާތްތަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ވީމާ، އުޅަނދުތައް ޕާކުކުރުމުގައާއި ދުއްވުމުގައި ގަވާއިދުތަކަށް ފަރުވާތެރިވެ، ފުލުހުންނަށް އެއްބާރުލުން ދިނުމަކީ ގައުމީ ވާޖިބެކެވެ.