ޚަބަރު

ރާއްޖޭގައި ދިރިއުޅޭ %47 ފިރިހެނުންނަކީ ބިދޭސީން


  • ރާއްޖޭގެ އާބާދީ 6 ލައްކައާ ވަނީ ގާތްވެފައި

  • 2022ގެ ބޯހިމެނުމަށްފަހު މިހާތަނަށް އިތުރުވެފައިވަނީ 11،000 ދިވެހީން

  • މަސައްކަތްކުރާ އުމުރުގެ އާބާދީގައި ރާއްޖޭގައި ގިނައީ ބިދޭސީ ފިރިހެނުން

ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ އާބާދީގެ 47 އިންސައްތަ ފިރިހެނުންނަކީ ބިދޭސީންކަމަށް ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ އާބާދީވަނީ ފަސްލައްކަ ނުވަދިހަހާހަށްވުރެ މައްޗަށް އަރާފައެވެ.

ތަފާސްހިސަބާ ބެހޭ ޤައުމީ މަރުކަޒުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގައި ބިދޭސީންގެ ނިސްބަތްވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ ކޮންމެ 3 މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއްކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީ 590،079 އަށް އަރާފައިވާއިރު އޭގެތެރެއިން ދިވެހީންގެ އާބާދީ 394،054 ގައި ހުރިއިރު ބިދޭސީންގެ އާބާދީވަނީ 196،024 އަށް އަރާފައެވެ.

2022 ވަނަ އަހަރުގެ ބޯހިމެނުމަށްފަހު ސްޓެޓިސްޓިކްސް ބިއުރޯއިން ހާމަކޮށްފައިވާ މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރުވެފައިވަނީ 11،000އެއްހާ ދިވެހީންނެވެ. ބިދޭސީންގެ ޑޭޓާ ބެލެހެއްޓުން ރަނގަޅުވުމާއެކު އެމުއްދަތުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ނިސްބަތްވަނީ 63،000 އަށްވުރެ މައްޗަށް އަރާފައެވެ.

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ފިރިހެނުންގެ ތެރެއިން 47 އިންސައްތައަކީ ބިދޭސީންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ރާއްޖޭގެ މަސައްކަތްކުރާ އާބާދީކަމަށްވާ ޢުމުރުން 20 އަހަރާއި 45 އަހަރާއި ދެމެދުގެ އާބާދީގައިވެސް ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީން ފިރިހެނުންގެ އާބާދީ ރާއްޖޭގައި ގިނައެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައި ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ބިދޭސީންގެ ނިސްބަތް އިތުރުކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މިނަމްބަރުތަކުން ދައްކާގޮތުގައި މާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ކޮންމެ 3 މީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. އަދި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ކޮންމެ 5 މީހެއްގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. އަދި އިދާރީ ރަށްރަށުގެ އާބާދީގެ 80 އިންސައްތައަކީ ބިދޭސީންނެވެ.

ރާއްޖޭގެ އާބާދީގައި އެންމެ ގިނައީ ޢުމުރުން 36 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 144،606 މީހުންނެވެ. ޒުވާނުންގެ އާބާދީ 108،262 މީހުންނަކީ ޒުވާނުންނެވެ. ރާއްޖޭގައި އުފަންވާ ކުދިންގެ އާބާދީ ކަންބޮޑުވާ މިންވަރަށް މަދުވެފައިވާއިރު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޢުމުރުން 17 އަހަރުން ދަށުގެ އާބާދީއަކީ 114،361 އެވެ.

އާބާދީއަށް އަންނަމުންދާ ބަދަލުތައް ދައްކާގޮތުން، ރާއްޖޭގައި އޮތް މަސައްކަތްކުރާ އުމުރުގެ އާބާދީ ކުރިއަށްއޮތް 30 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ދަށްވާނެކަމަށް އަންދާޒާކުރެވެއެވެ. ރާއްޖޭގައި ކުދިންވިހާ ނިސްބަތް މަދުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވަރި ގިނަވުމާއި، ބޯހިޔަވހިކަން ކަށަވަރުކުރުމަށް ހުރި ދަތިތަކަކީ އާންމުން ފަހަގަކުރާ މައިގަނޑު މައްސަލަތަކެވެ. އާބާދީ ކަންބޮޑުވާ މިންވަރަށް ދަށަށް ދާއިރު ޤައުމީ ފެންވަރުގައި މިކަމަށް ހައްލުތަކެއް ގެނައުމަށް މަސައްކަތްކުރަން ޖެހެއެވެ. އެހެން ނޫންކަމުގައިވާނަމަ ރާއްޖޭގައި ދިވެހީންނަށްވުރެ ބިދޭސީންގެ އާބާދީ އިތުރުވެ އިޤްތިޞާދީ ބޮޑު މައްސަލައަކަށް އެކަންވުމުގެ ފުރުސަތު އެބައޮތެވެ.