ޚަބަރު

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މުހިއްމު މަޝްވަރާތަކެއް


  • ވަޒީރު ސަޢީދު އިންޑިއާގެ ކޮމާސް މިނިސްޓަރާ ބައްދަލުކުރައްވާފައިވޭ

  • ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވޭ

ރާއްޖެއާއި އިންޑިއާއާއި ދެމެދު އިންވެސްޓްމެންޓްގެ ދާއިރާއިން އެކުލަވާލާފައިވާ މުޢާހަދާ ފައިނަލައިޒްކުރުމާއި، ދެޤައުމުގެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާދެމެދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓަރ، ޝްރީ ޕިއުޝް ގޯޔަލްގެ ދަޢުވަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދެވަޒީރުންވަނީ ބައްދަލުކުރައްވާ، އިޤްތިޞާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.


އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްވަރާތައް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އަދި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގެ މައްޗަށްކަމަށެވެ. އަދި ދެޤައުމަށްވެސް ފައިދާވާނެ ފަދައިން ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ރަސްމީ މަޝްވަރާތައް މިހާރު ފެށިފައިވާތީ ދެވަޒީރުންވެސްވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދެޤައުމަށް ފައިދާކުރުވަނިވިގޮތަކަށް އެފްޓީއޭގެ މަޝްވަރާތައް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަންވެސްވަނީ އަރުއްވާފައެވެ.

އެފްޓީއޭގެ ސަބަބުން ދެޤައުމުގެ ވިޔަފާރިތަކަށްވެސް އައު ބާޒާރުތަކަށް ފުރުޞަތު ފަހިވުމާއި، ވިޔަފާރީގެ އިތުރު ދޮރުހުޅުވި، ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލުތަކެއް ލިބި، ދެޤައުމުގެވެސް އިންވެސްޓަރުންނަށާއި ވިޔަފާރިތަކަށްވެސް ފަހި މާޙައުލެއް ޤާއިމުވެގެންދާނެކަން ދެޤައުމުންވެސް ފާހަގަކުރައްވައެވެ.

ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން، އައު އިންވެސްޓްމަންޓްތަކާއި އިޤްތިޞާދީ ޙަރަކާތްތަކާއެކު އިތުރު ހަރުފަތަކަށް ޖެހިގެންދާނެކަމަށް މިބައްދަލުވުމުގައި ދެފަރާތުންވެސްވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ކޮމާސް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢައިޝަތު އަޒީމާއާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހައިކޮމިޝަނުގެ އިސްބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.