ޚަބަރު

ވިމަންސް ވޮއިސަސް ސަމިޓު މިމަހުގެ 11ގައި


  • މިއީ ސިލްސިލާގެ 4ވަނަ ސަމިޓު

  • ޚާއްޞަ ވޯކްޝޮޕްތަކެއް ކުރިއަށްދާނެ

މަމްސް އެއިޑާއި ވިމަންސް ވޮއިސަސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމު ކޮށްގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ވިމަންސް ވޮއިސަސް ސަމިޓު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގައި ވިލާ ކޮލެޖުގައެވެ.

ވިމަންސް ވޮއިސަސްގެ މިފަހަރުގެ ސަމިޓަކީ މިފަދަ ހަތަރުވަނަ ސަމިޓެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމަތު ދެއްވަމުން މަމްސް ޖަމްޢިއްޔާއިން ބުނީ، މި ސަމިޓަކީ އަންހެނުން ބާރުވެރިކުރުމަށާއި، މުޖުތަމަޢުގައި އަންހެނުންނަށް ދިމާވާ ދަތިތަކާއި އެފަދަ ކަންކަމުން އަރައިގަނެ ކުރިއަށްދިއުމަށް ހިތްވަރުދިނުމުގެ މަޤުސަދުގައި ބާއްވަމުންދާ ހަރަކާތެއްކަމަށެވެ.

އެހެން ސަމިޓުތަކާ އެއްގޮތަށް މިސަމިޓުގައިވެސް އެކި ދާއިރާތަކުން ކާމިޔާބީ ހާސިލު ކުރައްވައިފައިވާ ފާހަގަކޮށްލެވޭ އަންހެނުން މި ސަމިޓުގައި ވާހަކި ދެއްކުމަށްވަނީ ހަމަޖެހިފައެވެ. ކާމިޔާބީއަށް ވާސިލުވުމަށް ކުރި ދަތުރާއި، ދިމާވި ހުރަސްތަކުގެ މަޢުލޫމާތު ހިއްސާކޮށް އެކަންކަމުން އަރައިގަތުމަށް ކުރި މަސައްކަތްތަކުގެ ވާހަކަތައް ހިއްސާކޮށް އެފަދަ ކަންކަމާއި ކުރިމަތިލަމުންދާ އަންހެނުންނަށް ހިތްވަރު ދިނުމަށް ހަމަޖެހިފައިވާކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. މިސަމިޓުގެ ބައިވެރިންނަށް ޚާއްސަ ވޯކްޝޮޕްތަކެއްވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިސަމިޓުގައި ކޮންމެ އަހަރަކުވެސް އެތައް އައު މޫނުތަކެއް ފެނި އެތައް އައު ތަޖުރިބާތަކެއް ހިއްސާކޮށް އިތުރު އަންހެނުންތަކަކަށް ކުރިއަށްދިޔުމަށް ހިތްވަރަކަށް ވެގެންދާކަން އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ. ރައްކާތެރި މާޙައުލެއްގައި ވާހަކަތައް ހިއްސާކުރުމާއި ޚިޔާފު ހިއްސާކުރުމުގެ ފުރުސަތު މީގެތެރެއިން ފަހިވެގެންދާކަމަށް މަމްސް ޖަމްޢިއްޔާއިން ބުނެއެވެ. އޭގެ ސަބަބުން އަމިއްލަ ނަފްސު ތަރައްޤީކުރުމަށާއި ވިޔަފާރިއާ ތަފާތު އެކިދާއިރާތަކުން ކުރިއަށް ދެވޭނެ ގޮތްތައް ދަސްވެގެންދާކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.