ޚަބަރު

ބްރެޒިލް ދެއްކި ކުޅުމަށް ބަލާއިރު ބަލިވުން ޙައްޤެއް ނޫން: އެންޗެލޮޓީ


  • މެޗުން ބްރެޒިލް ބަލިވީ 1-2އިން

  • މެޗުގައި ބްރެޒިލްއިން ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި ނޯވޭ އާއި ބައްދަލުކުރި މެޗުގައި ބްރެޒިލް އިން ދެއްކި ކުޅުމަށް ބަލާއިރު އެ މެޗުން ބްރެޒިލް ބަލިވުން ހައްގު ނޫންކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

މި މެޗު 1-2 އިން ކާމިޔާބު ކޮށްފައިވަނީ ނޯވޭއިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނީ، މެޗުން ބަލިވުމުން މިއީ އެންމެ ރަނގަޅު ތަޖުރިބާ ނޫން ކަމަށާއި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭކަމަށެވެ.

އަދި މުޅި މުބާރާތުގައި ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި ކުޅިވަރުގައި ބޭނުންވާ ގޮތަށް އަބަދު ކަންތައް ނުވާނެކަމަށް ބްރެޒިލްގެ ކޯޗު ބުންޏެވެ. ނޯވޭއާއި ދެކޮޅަށް ދެއްކި ކުޅުމަށް ބަލާއިރު މި މެޗުން ބަލިވުން ހައްގު ނޫން ކަަމަށާއި މެޗުގެ ކުރީކޮޅު ބްރެޒިލްއަށް ލިބިގެންދިޔަ ޕެނަލްޓީ ފޮނުވާލަން ބްރޫނޯ ގިމަރޭޒް އަށް ފުރުސަތު ދޭން ނިންމީ ލިބެން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު ދަނޑު މަތީގައި ޕެނަލްޓީ ޖެހުމަށް އެންމެ ގާބިލް ކުޅުންތެރިޔަކަށް ހުރީ ގިމަރޭޒް ކަމަށް ފެނުމުންކަމަށް ކޯޗު އެންޗެލޮޓީ ބުންޏެވެ.

އޭނާ ބުނީ ބްރެޒިލް ޓީމުގައި ޕެނަލްޓީ ޖެހުމަށް އެންމެ މޮޅީ ނޭމާ ކަމަށާއި، އެއަށްފަހު ރަފީނިއާ އަދި ދެން ގިމަރޭޒް ކަމަށެވެ. އަދި ފުރަތަމަ ދެ ކުޅުންތެރިން ނެތުމުން އެ ޒިންމާ ގިމަރޭޒް އާއި ހަވާލުކުރީ ކަމަށް އެންޗެލޯޓީ ފާހަގަ ކުރިއެވެ.

އެންޗެލޯޓީ ބުނީ މިމެޗުން ބްރެޒިލް މޮޅުވެވެން ޖެހޭ ކަމަށާއި ނަމަވެސް މިހެން ނަތީޖާ ނުކުތުމުން އަނެއްކާވެސް އާފެށުމަކުން ފެށުން މުހިންމު ކަމަށެވެ. މިގޮތުން އާ ވިސްނުންތަކާއި ހިތްވަރާއެކު މިކުރާ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމުގައި އެންޗެލޯޓީ ފާހަގަ ކުރިއެވެ. އަދި މިއީ ނިމުން ނޫން ކަމަށާއި އޭގެ ބަދަލުގައި މިއީ ބައްޔަކަށްފަހު އައު ބުރެއްގެ ފެށުން ކަމަށް އެންޗެލޯޓީ ސިފަ ކުރިއެވެ.

އެންޗެލޮޓީ އިތުރަށް ބުނިގޮތުގައި ބްރެޒިލް ޓީމުގެ މެދުތެރެއަށް ޒުވާން ކުޅުންތެރިން ބޭނުންވާކަން މިމުބާރާތް ތަރޭގައި ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔަ ކަމަށާއި މިގޮތުން މަތީ ފެންވަރުގެ ޒުވާން ހުނަރުވެރިން އުފެއްދެން ޖެހެއެވެ.

އަދި މިގޮތުން ބްރެޒިލްގެ ފުޓްބޯޅައިގާ މި ޖާގައަށް ފެތޭ ޤައުމީ ޓީމުން ޖާގަ ހޯދޭނެ ޒުވާން ކުޅުންތެރިން ތިބިކަން އޭނާއަށް ފާހަގަ ކުރެވިފައިވާކަމަށް އެންޗެލޯޓީ ބުންޏެވެ.