ޚަބަރު

ނާކާމިޔާބީއާއެކު ނޭމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި


  • ނޭމާ މިކަން އިއުލާންކުރީ ނޯވޭ އަތުން ބަލިވި މެޗަށްފަހު

  • ނޭމާ ވަނީ ބްރެޒިލްގެ ޤައުމީ ޓީމަށް 130 މެޗު ކުޅެދީފައި

ފީފާ ވޯލްޑް ކަަޕް 2026ގައި ބްރެޒިލްއަށް ކުރިމަތިވި ނާކާމިޔާބީއާއެކު، އެ ޓީމުގެ ތަރި ނޭމާ ޖޫނިއަރ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައި އެކަން އިއުލާނުކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ނޭމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނުކުރީ، މުބާރާތުގެ ރައުންޑް އޮފް 16ގައި އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމުގައި ނޯވޭއާ ދެކޮޅަށް ކުޅެ 1-2 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު، ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

ނޭމާ ބުނީ، ޓީމާއެކު ކާމިޔާބުހޯދަން ވަރަށް މަސައްކަތް ކުރެއްވިއްޖެ ކަމަށާއި އެހެންނަމަވެސް، އޭނާ ގައުމީ ޓީމަށް ކުޅެން ފެށި ސްޓޭޑިއަމުގައި، ގައުމީ ޖާޒީގައި ފަހު މެޗު ކުޅެ ނިމުނީ ކަމަށެވެ. މިހާ ހިސާބުން ގައުމީ ޓީމާއެކު އޭނާގެ ހިއްސާ ނިމުނީކަމަށް ނޭމާ ވަނީ ބުނެފައެވެ.

ފާޙަގަކޮށްލަން ޖެހޭ ގޮތުގައި ގައުމީ ޖާޒީގައި ނޭމާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ، 2010 ވަނަ އެމެރިކާގައި މެޓްލައިފް ސްޓޭޑިއަމުގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އުމުރުން 18 އަހަރުގައި ނޭމާ ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި މެޓްލައިފް ސްޓޭޑިއަމުގައި ބްރެޒިލްއަށް ލަނޑެއް ޖަހައިދީފައިވާއިރު، ފަހު މެޗުގައި ނޯވޭ ކޮޅަށް، ހަމަ އެ ސްޓޭޑިއަމުގައި ވަނީ ލަނޑު ޖަހާފައެވެ.

އަނިޔާއާއި ފިޓްނަސްގެ އެތައް މައްސަލައެއް ކުރިމަތިވެ، މިފަހަރުގެ މުބާރާތަށް ބްރެޒިލްއިން އެކުލަވާލި ސްކޮޑުން ފުރުސަތު ނުލިބޭނެކަމުގެ ބިރުވެސް ހީފައި އޮތް ނޭމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު، އޭނާ ވަނީ ގައުމީ ޖާޒީގައި 80 ލަނޑު ޖަހާފައެވެ. ނޭމާއަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ގައުމީ ޓީމަށް ކުޅުން ނުވަތަ ބައިނަލްއަގްވާމީ ކެރިއަރު ނިންމާލަން ނޭމާ ނިންމާފައިވާއިރު އޭނާ ކުލަބު ފެންވަރުގައި މިހާރު ކުޅެމުން އަންނަނީ އެ ކުލަބަކުން އޭނާ ކުޅެން ފެށި ބްރެޒިލްގެ ސަންޓޯސް އަށެވެ.

ގައުމީ ޓީމާއެކު ނޭމާ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، ސީނިއަރ ޓީމާއެކު އޭނާ ވަނީ ކޮޕާ އެމެރިކާގެ ރަނަރަޕް ކަން ހޯދައި، ފީފާ ކޮންފަޑެރޭޝަން ކަޕް ކާމިޔާބުކޮށްފައެވެ. އަދި 23 އަހަރުން ދަށުގެ ޓީމާއެކު އޭނާ ވަނީ ސަމަރ އޮލިމްޕިކްސްގެ ރަން މެޑަލާއި ރިހި މެޑަލް ވެސް ހޯދާފައެވެ.

މީގެއިތުރުން އޭނާ ވަނީ 20 އަހަރުން ދަށުގެ ޓީމާއެކު 20 އަހަރުން ދަށުގެ ސައުތު އެމެރިކަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.