ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ރޭޑިއޯ ޗެނަލް، ދީނުގެ އަޑު ބ. ދަރަވަންދޫ އަށް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ޕީއެސްއެމްއިން މި ޚިދުމަތް ފޯރުކޮށްދެނީ މޯލްޑިވްސް އެމެޗަރ ރޭޑިއޯ ސޮސައިޓީ މެދުވެރިކޮށެވެ.
ބ. ދަރަވަންދޫއަށް ދީނުގެ އަޑު ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ޕީއެސްއެމް ޓީވީ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބެވެ. މޯލްޑިވްސް އެމެރަޗަރ ރޭޑިއޯ ސޮސައިޓީގެ ފަރާތުން ސޮއިކުރީ އެ ޖަމްޢިއްޔާގެ ނައިބު ރައީސް މުހައްމަދު އިބްރާހީމެވެ.
މި އެއްބަސްވުމުގެ ދަށުން، ބ. އަތޮޅު ދަރަވަންދޫއަށް ޕީއެސްއެމްގެ ދީނުގެ އަޑު ރޭޑިއޯ ޗެނަލް ދޫކުރާނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބް ވިދާޅުވީ، މިގޮތަށް އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތަކީ މާލީ ފައިދާއެއް ހޯދުމަށް ވުރެ ބޮޑަށް މިފަދަ މަސައްކަތްތަކަށް ހިތްވަރު ދެއްވުން ކަމަށެވެ. އަދި ދީނީ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ލިބޭ މިފަދަ ފުރުޞަތަކީ ލިބިގެންދާ އެހީތެރިކަމެއް ކަމަށެވެ.
"ޕީއެސްއެމް ކުޑައިގެ ދަށުގައި ހުރި އޯޑިއޯ ވީޑިއޯ ހުރިހާ ޗެނަލެއްވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒު. އެހެން ނަމަވެސް ހުރިހާ ޗެނަލެއް އެންމެންނަށް ފޯރުކޮށްނުދެވޭ އެކި ސަބަބުތަކާހުރެ. އެހެންނަމަވެސް އަމިއްލަ ފަރާތްތަކުން ކުރައްވާ މި ބާވަތުގެ މަސައްކަތްތަކުގެ ތެރެއިން މިކަން ކުރެވޭނެ މަގެއް ފަހިވުމަކީ ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއް. އަމާޒަކީ ހުރިހާ ޗެނަލެއްވެސް އެއްވެސް ތަފާތު ކުރުމެއް ނެތި ފޯރުކޮށްދިނުން." ޕީއެސްއެމްގެ އެމްޑީ ޝަކީބް ވިދާލުވިއެވެ.
ޕީއެސްއެމްއިން ވަނީ މިފަދަ ކަންކަމުގައި އަމިއްލަ ފަރާތްތަކަށް އަބަދުވެސް އެއްބާރުލުންދޭން ތައްޔާރަށް އޮތްކަން ފާހަގަކޮށްފައެވެ.
މޯލްޑިވްސް އެމެޗަރ ރޭޑިއޯ ސޮސައިޓީގެ ނައިބު ރައީސް މުޙައްމަދު އިބްރާހިމް ވިދާޅުވީ، މިކަމަކީ އެ ޖަމްޢިއްޔާގެ ފަރާތުން ކުރަން ބޭނުންވެ މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާކަމެއް ކަމަށެވެ. ދަރަވަންދޫއަށް ޚިދުމަތް ދޭއިރު އިތުރު ރަށްރަށަށްވެސް މި ޚިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިމަގުގައި އުއްމީދަކީ އެހެން ކައިރި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ޚިދުމަތް އިތުރު ރަށްރަށަށް ފޯރުކޮށްދިނުމެވެ.
"އަޅުގަނޑުމެން މި ޕްލޭން ކުރަނީ ގާތްގަނޑަކަށް 25 ވޮޓް ބޭނުން ކުރަން. 25 ވޯޓުން ބ. އަތޮޅާއި ކައިރި ދޮންފަނު ހިސާބަށް، އަޅުގަނޑުމެން މި ބަލަނީ ލިބޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެން ޓާގެޓަކީ ދަރަވަންދޫ ވީމަ އެހާ ބޮޑު ޕަވަރއެއްގައެއް ނޫން ބޭނުން ކުރަނީ. ކުރެވިދާނެ ޕަވަރ އިތުރުކޮށްލައިގެން ބ. އަތޮޅު ކައިރި އަދި ދުރަށް ދާވަރަށް." އެމެޗަރ ރޭޑިއޯގެ ސޮސައިޓީގެ ނައިބު ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް އެމެޗަރ ރޭޑިއޯ ސޮއިސައިޓީއަކީ ވަކި ހުއްދައެއްގެ ދަށުން އަމިއްލަ ރޭޑިއޯ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރުދުން ތަމްސީލް ކުރާ ޖަމްޢިއްޔާއެކެވެ. ރާއްޖޭގައި މިވަގުތު އެމެޗަރ ރޭޑިއޯ ޚިދުމަތް ދިނުމުގެ ލައިސެންސް އޮތް 4 ފަރާތެއް ތިބި ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.