ކާޑިއެކް ސެންޓަރުގެ ސަބަބުން އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން ނޭޝަނަލް ކާޑިއެކް ސެންޓަރަކީ، މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އެންމެ ޚާއްސަ އެއްތަން ކަމަށެވެ. އެ ސެންޓަރުގެ މަސައްކަތަކީ ނަމޫނާ ޚިދުމަތެއްކަން ފާހަގަކުރައްވާ ސީއީއޯ ވިދާޅުވީ، އެ ސެންޓަރުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ނަތީޖާއަކީ އާއްމުންގެ އިތުބާރު ޤާއިމްކުރެވުން ކަމަށެވެ. ސީއީއޯ ވިދާޅުވީ، އެ ސެންޓަރާއިއެކު ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލި ރާއްޖޭގައި ތިބެެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެފައިވުމަކީ ބަލި މީހުންނަށް ލިބުނު ލުއިފަސޭހައެއް ކަމަށެވެ.
"ހިތުގެ ފަރުވާ ފަށާ، އެ ފަރުވާ އިތުރަށް ފުޅާކުރުމަށް ކުރީ އިޖާބީ މަސައްކަތެއް. މިއީ، ފަޚުރުވެރިވާންޖެހޭ ފަދަ ނަތީޖާއެއް. މިއީ، ރައްޔިތުންނަށް ލިބުނު އަގު ނުކުރެވޭ ފަދަ ހަދިޔާއެއް." ރައްޒާޤު ވިދާޅުވިއެވެ.
އެ ސެންޓަރުން މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށާއި، ކުރިއަށްވެސް މުހިންމު އަމާޒުތަކެއް ހުރިކަމަށް ސީއީއޯ ވިދާޅުވިއެވެ. ހިތުގެ ބަލި މީހުން ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ނިސްބަތް ދަށް ކުރެވުމާއި، ޤާބިލް މީހުން ބިނާކުރުމުގައި އެ ސެންޓަރުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވަނީ މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް ރާވާފައި ހުރި މުހިންމު ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ފެބްރުއަރީ މަހު ޚިދުމަތް ފަށާފައިވާ، އައްޑޫސިޓީގެ ކެތުލެބުގެ ޚިދުމަތް ކާމިޔާބު ކަމާއިއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. މިހާތަނަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި 38 އެންޖިއޯގްރާމް، 20 އެންޖިއޯ ޕްލާސްޓީ، ކެރޮޓެޑް އާޓަރީގެ އެއް އެންޖިއޯގްރަފީ، އެއް ޕޭސް މޭކަރ އަދި އެއް އޭއައިސީޑީ އިމްޕްލާންޓް ކާމިޔާބުކަމާއިއެކު ކޮށްފައިވާ ކަމަށްވެސް ސީއީއޯ ވަނީ ވިދާޅުވެފައެވެ.
"މީގެ އިތުރުން ކުޅުދުއްފުށީގައި ކެތްލެބް ޤާއިމްކުރުމަށް ކުޅުދުއްފުށީ ހޮސްޕިޓަލާއިއެކު މަޝްވަރާ ވަނީ ފަށާފައި. ކެތްލެބް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ ހަމަޖެހުމުން ރާއްޖޭގެ އުތުރުގައިވެސް ކާޑިއެކް އިންޓަވެންޝަންތައް ފަށައިދޭނަން." ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވަނީ ހިތުގެ ބަލިތަކާއި، ނާރުގެ ބަލިތަކާއި، ކެންސަރުގެ ބަލިތަކަށް ދޭ ފަރުވާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ބޭނުންނުކޮށް ހުރުމުގެ ސަބަބުން މައްސަލަ ޖެހިފައި ހުރި ކެތްލެބުގެ ޚިދުމަތް އަލުން ފަށާފައިވަނީ ވެސް މި ވެރިކަމުގައިކަން ފާހަގަކުރެއްވިއެވެ.