ޚަބަރު

މިއީ ރާއްޖެއާ އެމެރިކާގެ ގުޅުމަށް ޚާއްޞަ އަހަރެއް: ރައީސް


  • އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ވަނީ ފޮނުއްވާފައި

  • މިއަހަރު ރާއްޖެއާ އެމެރިކާގެ ގުޅުމަށް 60 އަހަރު ފުރޭނެ

  • އެމެރިކާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަންދޭ

އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މި އަހަރާ ދިމާވުމާއެކު، މިއީ ދެ ޤައުމަށްވެސް ވަރަށް ޚާއްޞަ އަހަރެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް އިޙުތިރާމުކުރުމާއި، ދެމެހެއްޓެނިވި ރަޙުމަތްތެރިކަމާއި، ސުލްޙައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭކަމަށާއި، ސަލާމަތާއި ދިފާޢީ ރޮނގުންނާއި، ވިޔަފާރިއާއި އިޤުތިޞާދީ ތަރައްޤީއާއި، ތަޢުލީމީ ދާއިރާގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންކަން އިއުލާން ކުރުމާއެކު އެމެރިކާއިން ދިވެހި ރާއްޖެ ބަލައިގަނެ އެ ޤައުމުގެ ސަފީރެއް އައްޔަންކޮށްފައިވެއެވެ.