މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކޮށް 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިމަހުގެ 2ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 4 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާކަމަށެވެ. އަދި ބާކީ ތިބި 2 މީހުންނަށް ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.