ކ. މާފުށީގައި ކޮންމެ މަހަކު އެއްފަހަރު ކުރިއަށްގެންދާ "މާރަނގަ މާކެޓު" ގެ ޖުލައި މަހުގެ އެޑިޝަން ފަށައިފިއެވެ. މި މާކެޓަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި، މާފުށީ ކައުންސިލް އަދި ކ. މާފުށި ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ.
މި މަހުގެ މާކެޓު ފަށާފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ މި މާކެޓު ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށްކަމަށް ބީސީސީއިން ބުނެއެވެ.
މި މާކެޓުގައި ރާއްޖޭގައި އުފައްދާ ތަފާތު ބާވަތްތަކާއި، ކާބޯތަކެއްޗާއި، އަތްތެރި މަސައްކަތްތަކުގެ އިތުރުން ހަނދާނީ ހަދިޔާ ފަދަ އުފެއްދުންތެރި ގިނަ ތަކެތި ލިބެން ހުންނާނެއެވެ.
ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި މާކެޓުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިންނަށާއި ކުދި ވިޔަފާރިތަކަށް ޤަވާއިދުން ކަސްޓަމަރުންނާ ބައްދަލުވެ، އެ ފަރާތްތަކުގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
ޖުލައި މަހުގެ އެޑިޝަންގައި އައު ވިޔަފާރިވެރިން ބައިވެރިވުމާއެކު، މާކެޓުން ލިބެން ހުރި ތަކެތީގެ ބާވަތްތައް އިތުރުވެ، ގިނަ ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރި އިޝްތިހާރު ކުރުމުގެ ފުރުޞަތު ފަހިވެފައިވާކަމަށް ބީސީސީއިން ވިދާޅުވެއެވެ.
ލޯކަލް ޓޫރިޒަމްގެ އެންމެ ކުރިއަރާފައިވާ އެއް ރަށް ކަމަށްވާ މާފުށީގައި މި މާރުކޭޓު ބޭއްވުމުން، ރަށުގެ ރައްޔިތުންނާއި، ރާއްޖޭގެ އެކި ހިސާބުތަކުން ޒިޔާރަތްކުރާ މީހުންގެ އިތުރުން ފަތުރުވެރިންނަށްވެސް މި އުފެއްދުންތައް ފެނިގެންދާނެއެވެ. އެހެންކަމުން މިއީ ދިވެހި އުފެއްދުންތަކާއި، ސަޤާފީ ކާބޯތަކެތި އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް ލިބޭ ބޮޑު ބާރެއްކަމަށް ބީސީސީއިން ފާހަގަކުރެއެވެ.