ޚަބަރު

އީކޮމާސް ޕްލެޓްފޯމްތަކަށް ބޭރުފައިސާގެ މުޢާމަލާތްތައް އިތުރުކުރެވިއްޖެ: ބީއެމްއެލް


  • ލިމިޓު އިތުރުކުރެވުނީ ޑޮލަރުން ބީއެމްއެލްގައި އިންވެސްޓްކުރުމަށް ހުޅުވާލުމާއި ގުޅިގެން

  • ޑޮލަރުން އިންވެސްޓްކޮށް %25 ފައިދާ ލިބޭނެ

ބީއެމްއެލް މެދުވެރިކޮށް އީކޮމާސް ޕްލެޓްފޯމްތަކަށް ބޭރުފައިސާއިން މުޢާމަލާތްކުރެވޭ މިންވަރު އިތުރުކުރެވިފައިވާކަމަށް އެބޭންކުން ވިދާޅުވެއްޖެއެވެ.ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ވިދާޅުވީ ލިމިޓު އިތުރުކުރެވުނީ ބޭންކުގައި ޑޮލަރުން އިންވެސްޓްކުރުމަށް ހުޅުވާލި ފުރުސަތާއެކުގައިކަމަށެވެ. އާންމުންނަށް ޑޮލަރުން ބީއެމްއެލްގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލީ އަންގާރަ ދުވަހުއެވެ.

ބީއެމްއެލްއިން އާންމުންގެ އެކި މުޢާމަލާތްތަކަށް ދޫކުރާ ޑޮލަރުގެ ލިމިޓަކީ އާންމުންގެ ކަންބޮޑުވުމާއި ގުޅިފައިވާކަމެކެވެ. އެހެންނަމަވެސް ޑޮލަރު ދޫކުރުމަށް ބީއެމްއެލްއަށްވެސް ޑޮލަރު ވަންނާނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. މިކަމަށް މަގުފަހިކުރުމަށް އެބޭންކުންވަނީ އާންމުންނަށް ބޭންކުގައި ޑޮލަރުން އިންވެސްޓްކުރެވޭނެ ފުރުސަތު ހުޅުވާލާފައެވެ. މީގެދަށުން 3 އޮޕްޝަނެއް މިހާރު ހުރި އިރު މިއީ އެކި މިންވަރަށް ނަފާ ލިބޭ އޮޕްޝަންތަކެކެވެ. އެއީ ގޯލްޑް، ސިލްވަރ އަދި ބްރޯންޒެވެ. އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑިންގ އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ ބީއެމްއެލް މެދުވެރިކޮށް އޮންލައިން އެކި ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ކަނޑައެޅި ލިމިޓަކީ ގިނަބައެއްގެ ޝަކުވާއާއި ގުޅިގެންދިޔަކަމެއްކަމަށެވެ. މިކަމަށް ހައްލެއް ގެނައުމަށް ބީއެމްއެލް މެދުވެރިކޮށް އިންވެސްޓްކުރުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ 24 ގަޑިއިރު ހަމަވީއިރު، ކުރިން ހުރި ލިމިޓަށްވުރެ ގިނަ ބަޔަކަށް ޚިދުމަތް ލިބިގެންދިޔަކަން ފާހަގަވެފައިވާކަމަށެވެ.

"ކަސްޓަމަރުންނަށް އޮތް ޑެއިލީ ލިމިޓު މިހާރުވަނީ ފުޅާކުރެވިފައި. މިއަދު އަޅުގަނޑުމެނަށްވެސް އަދި ސޯޝަލް މީޑިއާގައިވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވޭ، އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ ޓީމޫ، ޝެއިން، އަލީ އެކްސްޕްރެސްގެ ޕޭމަންޓްސްތައް ތްރޫވި. އެހެން ނޫންނަމަ އެއީ ކޮންމެ ދުވަހަކު ވަރަށް އަވަހަށް ހުސްވާ ލިމިޓުތަކެއް." ސަޢީދު ވިދާޅުވެއެވެ.

މުޙައްމަދު ސަޢީދު ވިދާޅުވީ، މިފުރުސަތުގައި 3 ފަރާތަކަށް ފައިދާވާކަމަށެވެ. އޭގެތެރޭގައި ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކާއި، ބޭންކާއި، ކާޑު މެދުވެރިކޮށް އޮންލައިން މުޢާމަލާތްތައް ކުރާ ފަރާތްތަކަށްވެސް ލިމިޓު އިތުރުވުމުގެ ފައިދާ ލިބިގެންދާކަން ފާހަގަކުރެއްވިއެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކާޑުން މަހަކު ހެދޭ ޓްރާންސެކްޝަންތައް ނުވަތަ މުއާމަލާތްތައް ލިމިޓްކުރަން ބޭންކް އޮފް މޯލްޑިވްސް ނިންމާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ބަދަލާއެކު އީ-ކޮމާސް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަހަކު 30 ޓްރާންސެކްޝަނަށް ވުރެ ގިނައިން މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކުންވަނީ ހަމަޖައްސާފައެވެ. މިބަދަލާއެކު 6 އޮންލައިން ޕްލެޓްފޯމަކުން މުޢާމަލާތުކުރުމުގައިވަނީ ލިމިޓުތަކެއް ކަނޑައަޅާފައެވެ.