ޚަބަރު

މޭރީގެ މަރު: ލަމްހާއަށް 15 އަހަރުގެ ޖަލު ހުކުމެއް


އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ މޭރީ ގްރޭސް މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ ބައިވެރިވިކަން ސާބިތުވެފައިވާ ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.

މިމައްސަލާގައި މާވިންއާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޖޫން މަހުގެ 22 ވަނަ ދުވަު ކްރިމިނަލް ކޯޓުން ކަނޑައެޅުމަށްފަހު މިއަދުވަނީ އަދަބު ކަނޑައެޅާފައެވެ.

މި މައްސަލާގައި މާވިންގެ މައްޗަށް 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، ލަމްހާގެ މައްޗަށް އިއްވީ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް މިހާތަނަށް ބަންދުގައި 3 އަހަރާއި 5 މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ ދެން ޖަލުގައި ހުންނަން ޖެހޭނީ 11 އަހަރާއި ބައެވެ.

ލަމްހާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު އެފަދަ ނޭދެވޭ އަމަލެއް ހިންގާފައިވާތީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައިވެސް ދައުލަތުން އެދުނީ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އަދި ދުރާލާ ރާވައިގެން، އެ ރަހުމުކުޑަ އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވެ، މައިވަންތަކަމުގެ ލޯބިން މަހުރޫމްވިފައިވާކަން ދައުލަތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޭރީ މަރާލާފައިވަނީ މާވިންއާއެކު އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިމުގެ މަޤްސަދުގައިކަން ވަނީ ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އަދަބު ކަނޑައެޅުމުގައި ލުއިތަކެއް ދިނުމަށް ލަމްހާ އެދުނުނަމަވެސް މައްސަލަ ބެއްލެވި ޤާޟީ ނިންމެވީ އެފަދަ އަދަބެއް ކަނޑައަޅަން ޖެހޭ ހާލަތެއްވެސް އަދަބު ލުއިކުރަން ޖެހޭ ހާލަތެއްވެސް ނެތްކަމަށެވެ.
މޭރީގެ މަރުގެ މައްސަލައިގަ ލަމްހާ އަދާކުރި ދައުރާއި އެކަމުގައި ބައިވެރިވި މިންވަރާއި މޭރީގެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށެވެ.