ޚަބަރު

ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ އިދާރާ ހުއްޓިދާނެކަމުގެ ބިރު


ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ އިދާރާއަށް ބޭނުންވާ މާލީ އެހީ ނުލިބި، ހުއްޓުމަކަށް އައުމުގެ ނުރައްކާ ބޮޑުވެފައިވާތީ، ފަލަސްޠީނުގައި ވަރަށް ހާލުގައި ދިރިއުޅެމުން އަންނަ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ 100 މިލިއަން އެމެރިކާ ޑޮލަރު ހޯދަން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް ޤައުމުތަކުގައި އެދިވަޑައިގެންފިއެވެ.

ގުތެރޭޝް ވިދާޅުވި ގޮތުގައި، ފަލަސްޠީނުގައި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދގެ އިދާރާ، އަންރުވާއަށް ޔަހޫދީން ކުރިމަތިކުރުވަމުންދާ ފިއްތުންތަކާއި މާލީ ތާށިކަމުގެ ސަބަބުން، އެ އިދާރާގެ މަސައްކަތްތައް ގާތްގަނޑަކަށް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

އަންރުވާއިން ދަނީ، ޣައްޒާ، ހުޅަނގު އައްސޭރި، ލުބްނާނު، އުރުދުން އަދި ސޫރިޔާގައި ދިރިއުޅޭ ގާތްގަނޑަކަށް ފަލަސްޠީނުގެ 2.6 މިލިއަން ރެފިއުޖީންނަށް ތަޢުލީމާއި، ސިއްޙީ ޚިދުމަތްތަކާއި އިޖުތިމާޢީ އަދި ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

2024ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް އަންރުވާއަށް އެންމެ ބޮޑު މާލީ އެހީއެއް ދެމުން އައީ އެމެރިކާއިންނެވެ.

ނަމަވެސް، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ދިން ޙަމަލާތަކުގައި އަންރުވާގެ މުވައްޒަފުންތަކެއް ބައިވެރިވިކަމުގެ ތުހުމަތު ޔަހޫދީން ކުރުމާއެކު، އެމެރިކާއިން ވަނީ އެ އިދާރާއަށް ދެމުން އައި މާލީ އެހީ ކަނޑާލައިފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން، އެހެން ބައެއް ޤައުމުތަކުން މެދުކަނޑައިލި މާލީ އެހީ އަލުން ދޭން ފަށާފައިވީނަމަވެސް، އެ އިދާރާ ހިންގުމަށް މާލީ ގޮތުން ބޮޑެތި ދަތިތައް ހުރިކަމަށް ގުތެރޭޝް ވިދާޅުވިއެވެ.

އަދި އދގެ މެމްބަރު ޤައުމުތަކުގެ މާލީ އެހީ ވަރަށް އަވަހަށް ނުލިބި، އެ އިދާރާއިން ކުރަމުން ގެންދާ މުޙިއްމު މަސައްކަތްތައް ހުއްޓުމަކަށް އަންނާނެކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަންރުވާގެ މަސައްކަތްތަކަށް ޔަހޫދީން ހުރަސްއެޅުމަށް ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އެ އިދާރާގެ 390 މުވައްޒަފުން ވަނީ ޝަހީދުކޮށްލައިފައެވެ.

އަންރުވާގެ ވެބްސައިޓުގައިވާ ގޮތުން 2025ވަނަ އަހަރު ގާތްގަނޑަކަށް 887 މިލިއަން ޑޮލަރުގެ ދޭން ޤައުމުތަކުން ވެފައިވާ ވަޢުދުތަކާއި، އެ އިދާރާއަށް ލިބުނު 829 މިލިއަން ޑޮލަރަކީ، އެ އިދާރާއިން ބޭނުންވާ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ އެންމެ 27 އިންސައްތައެވެ.