ޚަބަރު

ބަންގްލަދޭޝްގައި ބޯކޮށްވާރޭވެހި ޑެންގީ ފެތުރުން އިތުރުވަނީ


ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހި، މަދިރި އާލާވުން އެކަށީގެންވާ މިންވަރަށް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޑެންގީ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށް ސިއްޙީ މާހިރުން އިންޒާރު ދެއްވައިފިއެވެ.

ފާއިތުވި ހަފްތާތަކުގައި ޑެންގީ ފެތުރުން ހަލުވިވެފައިވާއިރު، 2023 ވަނަ އަހަރު ބަންގްލަދޭޝްގައި ޑެންގީ ހުމުގެ ބަލިމަޑުކަމެއް ފެތުރުނު ޙާލަތަށް ވެއްޓިދާނެކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން މަރުވި މީހުންގެ އަދަދު މިދިޔަ މެއި މަހާ އަޅާބަލާއިރު، ޖޫން މަހުގެ ފަހުކޮޅު 18 އަށް އިތުރުވެފައިވާއިރު، ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ އަދަދު 8 ގުނައަށް ވުރެ އިތުރުވެ، 714 އިން 5،924 އަށް އަރާފައިވާ ކަމަށް ⁠ސިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސިއްޙީ މާހިރުން ލަފާކުރައްވާ ގޮތުގައި، ޖޫން މަހާ އަޅާބަލާއިރު، މި މަހުގެ ތެރޭގައި ވެރިރަށް ޑާކާގައި އެކަނި، ޑެންގީ ފެތުރޭ މިންވަރު ދެ ގުނައަށް އިތުރުވާނެކަމުގެ ފުރުޞަތު ބޮޑެވެ. އަދި އަވަށްތަކުގައި އެއަށްވުރެވެސް ބޮޑަށް އެ ބަލި ފަތުރުމުގެ ނުރައްކާ ބޮޑުކަމަށް ސިއްޙީ މާހިރުން ވަނީ އިންޒާރު ދެއްވައިފައެވެ.

2023 ވަނަ އަހަރު، ބަންގަލަދޭޝްގައި ޑެންގީ ފެތުރުނުއިރު، 321،000 އަށް ވުރެ ގިނަ މީހުންނަށް އެ ބަލިޖެހި 1،705 މީހުން މަރުވެފައިވެއެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން 102،861 މީހުން ރިޕޯޓުކޮށްފައިވާއިރު، 413 މީހުން ވަނީ މަރުވެފައެވެ. އަދި ⁠2024 ވަނަ އަހަރު 101،214 މީހުންނަށް ޑެންގީ ޖެހި 575 މީހުން މަރުވެފައިވެއެވެ.

ބަންގްލަދޭޝްގައި ޑެންގީ ފެތުރުމުގެ ނުރައްކާ ކުރިމަތިވެފައިވަނީ، ފާއިތުވި ދަހަރެއްގެ ތެރޭގައި ނުފެތުރޭ މިންވަރަށް ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިދިޔަ މާޗް މަހުގެ މެދުތެރެއިން ފެށިގެން 100،000 އަށް ވުރެ ގިނަ ޝައްކު ކުރެވޭ ކޭސްތަކާއި 10،000 އަށް ވުރެ ގިނަ މީހުން ހިމަބިހި ޖެހިފައިވާކަން ރިޕޯޓްކޮށްފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު 700 އަށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ.

އެއާއެކު، ބަންގްލަދޭޝްގެ ބަލިކަށި ސިއްޙީ ނިޒާމަށް ވަނީ އިތުރަށް ބާރުބޮޑުވެފައެވެ.

ބޯކޮށް ވާރޭވެހުމާއި ފިނިހޫނުމިން މަތިވުމުން، ޑެންގީ ފެތުރުން އިތުރަށް ހަލުވިވެފައިވާއިރު، މަދިރި ⁠ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް އިތުރުވަމުން އަންނަ ނުރައްކަލާ އެއްވަރަށް ކުރިއަށް ނުދާ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.