ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގަދަ 32: އެމެރިކާ - ބޮސްނިއާ


ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ގައި މިރޭ މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ އެމެރިކާ އިން ބޮސްނިއާ އާއި ދެކޮޅަށް ނިކުންނައިރު މި ދެ ޓީމު ވަނީ މީގެ ކުރިން އެއް ފަހަރު ބައްދަލުކޮށްފަ އެވެ

2021 ވަނަ އަހަރުގެ ޑިސެމްބަރ މަހު ކުޅުނު އެކުވެރިކަމުގެ އެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އެމެރިކާ އިންނެވެ. އަދި އެ މެޗަށްފަހު ދެ ޓީމުގެ ފުޓްބޯޅައަށްވެސް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފަ އެވެ.

ސެން ފްރެންސިސްކޯ ބޭ އޭރިޔާ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް އެމެރިކާ ނިކުންނާނީ އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑްކަޕްގެ ގަދަ 16 ގެ ޖާގައެއް ހޯދުމަށެވެ. އެމެރިކާ އިން މި މުބާރާތުގެ ގަދަ 32 ގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.

ފީފާ ވޯލްޑްކަޕްގެ ނޮކްއައުޓް ބުރުގައި ހަތް ފަހަރު މަތިން ކުރިން ކުޅެފައިވާ އެމެރިކާ އިން ވަނީ 4-1 ގެ ނަތީޖާއަކުން ޕެރަގުއޭ އަދި 2-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ. ނަމަވެސް ގްރޫޕްގެ ފަހު މެޗުގައި ގިނަ ބަދަލުތަކަކާއިއެކު ނިކުތް އެމެރިކާ ވަނީ ތުރުކީ އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ކުރީގެ މެޗުތައް:

  • * އެކުވެރިކަމުގެ މެޗް 2021: އެމެރިކާ 1-0 ބޮސްނިއާ

ފީފާ ވޯލްޑްކަޕްގައި ދެވަނަ ފަހަރަށް ވާދަކުރާ ބޮސްނިއާ އިން ގަދަ 32 ގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް ބީގެ ތިންވަނަ ހޯދުމަށްފަހު ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން ގަދަ އަށެއްގައި ހިމެނިގެންނެވެ. ބޮސްނިއާ އިން އެންމެ ފުރަތަމަ ފަހަރަށް ފީފާ ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ބޮސްނިއާ ވަނީ ކަޓާފަ އެވެ.

ގްރޫޕް ބީ ގައި ކުޅުނު ތިން މެޗުގެ ތެރެއިން ބޮސްނިއާ ވަނީ ގްރޫޕްގެ ފަހު މެޗުގައި 3-1 ގެ ނަތީޖާއަކުން ގަތަރު ބަލިކޮށްފަ އެވެ. މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ ކެނެޑާ އާއި 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައިވާއިރު ސްވިޒަލޭންޑް އަތުން 4-1 ގެ ނަތީޖާއަކުން ވަނީ ބަލިވެފަ އެވެ.