ޚަބަރު

ސެޕްޓެމްބަރު މަހު ފިލްމު އެވޯޑު ބޭއްވުމަށް ތައްޔާރުވަނީ


  • އެންމެ ފަހުން ރާއްޖޭގައި ފިލްމު އެވޯޑެއް ބޭއްވީ 2019ވަނަ އަހަރު

  • މިހާރު ކުރިއަށްދަނީ އެވޯޑާއި ގުޅޭ އިދާރީ މަސައްކަތްތައް

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފިލްމު ފެއަރ އެވޯޑު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި އެންމެ ފަހުން ފިލްމު އެވޯޑެއް ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ރިޔާޟް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ފިލްމީ ދާއިރާއަކީ ވަރަށް ފުންނާބު އުސް އަދި ތަޖުރިބާކާރު ފަރާތްތަކެއް މަސައްކަތް ކުރަމުންދާ ދާއިރާއެއް ކަމަށެވެ. އަދި މި އިންޑަސްޓްރީ ކުރިއެރުވުމަށް ގިނަ ބަޔަކު ކުރަމުންދާ މަސައްކަތްތަކަށް ހައްގުވާ އެކްނޮލެޖްމެންޓެއް ނުވަތަ އެވޯޑެއް ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންސީއޭއެކު މަސައްކަތް ކުރަމުންމިދަނީ ފިލްމީ ދާއިރާގެ އެވޯޑު މިއަހަރު ބޭއްވުމަށްޓަަކައި. އެކަމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރަމުންމިދަނީ. އޭގެ ތެރޭގައި ޖަޖިންގެ ޕެނަލް ހުށަހެޅުމާއި، އެވޯޑަށް ހުޅުވާލުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ހިމެނޭ. އެގޮތުން އަޅުގަނޑުމެންނަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހު ހިސާބުގައި ފިލްމު ފެއަރ އެވޯޑު ބޭއްވޭނެ ކަމަށް." ވަޒީރު ވިދާޅުވިއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވާ ތަރައްޤީ ކުރުމަށްވެސް ސަރުކާރުން އިސްނަގައިގެން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ސިނަމާ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ސިނަމާ ކޮމްޕްލެކްސް އެޅުމުގެ ކަރުދާހުގެ މަސައްކަތް ނިމި، އަަމަލީ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމްކުރާ ސިނަމާ ކޮމްޕްލެކްސްގެ މަސައްކަތުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ރަނގަޅު ފެންވަރުގެ ސިނަމާތަކެއް ތަރައްޤީ ކުރަން ނިންމާފައިވާއިރު، މިހާރު ސިނަމާއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ އޮލިމްޕަހުގައި އެއް ވަގުތެއްގައި ދެއްކެނީ އެންމެ ފިލްމެކެވެ. ކޮވިޑަށް ބަންދު ކުރުމަށްފަހު، މިތަނަށް ޒަމާނީ ބަދަލުތަކެއް ގެނެވި 2023 ވަނަ އަހަރު އަލުން ހުޅުވިއެވެ. އޮލިމްޕަހަކީ، ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ވަދެވޭ ސިނަމާއެވެ. އޮލިމްޕަހުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ފިލްމް އަޅުވަން ފެށީ 1957 އިން ފެށިގެންނެވެ.