ޚަބަރު

ދެ ރާނީންގެ ޝުކުރު ސަޕޯޓަރުންނަށް


  • 17 އަހަރުންދަށުގެ ކްއީން އޮފް ސީރީޒްއަކަށް ހޮވިފައިވަނީ ޖީއައިއެސްގެ އައިލީން

  • 15 އަހަރުންދަށުގެ ކްއީން އޮފް ސީރީޒްގެ މަގާމް ހޯދީ ޖީއައިއެސްގެ ޒާޔާ

  • ކޮންމެ މެޗެއްގައި ސަޕޯޓަރުންގެ ތަރުހީބު ޓީމަށް ފުރިހަމައަށް ލިބިފައިވޭ

މިދިޔަ ހޮނިހިރު ދުވަހު ނިމިގެންދިޔަ ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް މުބާރާތުގައި ޖީއައިއެސްއިން ހޯދި ކާމިޔާބީގައި ސަޕޯޓަރުންގެ ތަރުހީބު ބޮޑު ދައުރެއް އަދާކުރިކަމަށް، ކްއީން އޮފް ސީރީޒް ގެ ޝަރަފުވެރި މަގާމު ހޯދި ދެ ކުޅުންތެރިން ބުނެފިއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ދެ ކުޅުންތެރިންކަމަށްވާ ޒާޔާ އާމިރް ވަހީދް އަދި އާއިޝާ އައިލީން އަހްމަދު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނެފައިވަނީ ޖީއައިއެސްއިން ހޯދި ކާމިޔާބީގައި ސަޕޯޓަރުން އަދާކުރި ދައުރު ބޮޑުކަމަށެވެ. ސައްތަ ސައްތަ ރިކޯޑަކާއެކު ދެ އުމުރުފުރާގެ ތަށިވެސް ޖީއައިއެސްއިން ހިއްލާލާފައިވާއިރު، ޓީމުގެ ކާމިޔާބީގައި ސަޕޯޓަރުންގެ ފަރާތުން މެދު ނުކެނޑި ލިބުނު ތަރުހީބު މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށް ދެ ކުޅުންތެރިންވެސް ފާހަގަކުރިއެވެ.

މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރައިގެ ކްއީން އޮފް ސީރީޒް ގެ މަގާމް ހޯދި ޒާޔާ ބުނީ އޭނާގެ ޓީމުން ކުރި ހިތްވަރާމެދު އުފާކުރާކަމަށެވެ. އަދި ޓީމުން ހޯދި ކާމިޔާބީމެދު ފަޚުރުވެރިވާކަން ފާހަގަކޮށް އޭނާވަނީ ޓީމަށް ސަޕޯޓްކޮށްދިން އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

"އަޅުގަނޑުގެ ޓީމާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވަން. މިއަހަރު މިހާ ގިނަ ސްޕޯޓަރުން އައިސް ހިތްވަރު ދިނީމަ ވަރަށް ހިތްހަމަޖެހިއްޖެ. ޝުކުރިއްޔާ" ޒާޔާ ބުންޏެވެ.

17 އަހަރުންދަށުގެ އުމުރުފުރައިގެ ކްއީން އޮފް ސީރީޒް ގެ މަގާމް ހޯދި އައިލީންވެސް ފާހަގަކުރިގޮތުގައި ޖީއައިއެސްއިން ހޯދި ކާމިޔާބީއަކީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކުވެސް އެކަތިގަނޑެއްގެ ގޮތުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

މިކާމިޔާބީގައި ޓީމަށް އިރުޝާދުދިން ކޯޗުގެ ބޮޑު ހިއްސާއެއް އޮތްއިރު، ޓީމުގެ ކާމިޔާބީގެ ފަހަތުގައި ސަޕޯޓަރުންގެ ދައުރު ބޮޑުކަމަށް އައިލީންވަނީ ބުނެފައެވެ.

"ވަރަށް ގްރޭޓްފުލް ހަމަ، ޓީމް ހުރިހާ ކުދިންނަށްވެސް. މުޅި ޓީމް އެކީގައި މަސައްކަތްކޮށްގެން މިހާ ހިސާބަށް އައިސްފަ މިއޮތީ. ކޯޗަށްވެސް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުންވޭ. ވަރަށް ވަގުތާއި ޑެޑިކޭޝަން ދީގެން މިހިސާބަށް އާދެވުނީ. ސަޕޯޓާސްއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. ސަޕޯޓާސްއާ ނުލާ މިކަމެއްނުވާނެ. ސަޕޯޓާއެކު މިހިސާބަށް އާދެވުނީ. ޝުކުރިއްޔާ" ޝުކުރު އަދާކުރަމުން އައިލީން ބުންޏެވެ.

17 އަދި 15 އަހަރުންދަށަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި ގްރޭޓާ މާލެ ސަރަހައްދުގެ ސްކޫލްތަކުން 25 ޓީމެއް ވާދަކުރިއެވެ. މިމަހުގެ 17 އިން 27 ގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގެ ތަށި ދެ އުމުރުފުރާއިން ވެސް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްއިން ހިއްލާލާ ދެވަނަ ފަހަރަށްވަނީ ތަށި ދިފާއުކޮށްފައެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދީ ހިރިޔާ ސްކޫލާއި ހުރަވީ ސްކޫލުންނެވެ.

މުބާރާތަށްފަހު ކޮންމެ އުމުރުފުރާއަކުންވެސް އެންމެ މޮޅު ހަތްކުޅުންތެރިން ހޮވާފައިވާއިރު، ޒުވާން އައު ކުޅުންތެރިން އުފެއްދުމަށް ނެޓްބޯލް އެސޯސިއޭޝަނުން ޚާއްސަ އިސްކަމެއްދެއެވެ.

ރާއްޖޭގައި ނެޓްބޯޅައިގެ ފޯރި އާލާކުރުމަށް މިހާރުވެސް ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނައިރު، ރާއްޖޭގެ ކުޅުންތެރިންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ފުރުސަތު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް އެންއޭއެމްއިން ދަނީ ކުރަމުންނެވެ.