ޚަބަރު

އާރްޓީއެލް ޚިދުމަތަކީ ރައްޔިތުންނަށް ހިތްފަސޭހަ ޚިދުމަތަކަށް ހަދާނަން: ރައީސް


  • މިހާތަނަށް 15 އަތޮޅެއްގައި މި ޚިދުމަތް ވަނީ ފަށާފައި

  • 2022ވަނަ އަހަރު ފެށި މި ޚިދުމަތް ރާއްޖޭގެ 145 ރަށަކަށް ދަނީ ލިބެމުން

މި ސަރުކާރުން މަސައްކަތް ކުރައްވަނީ އާރްޓީއެލްގެ ޚިދުމަތަކީ، ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ ޚިދުމަތަކަށް ހެދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖެއަށް ގުޅާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެކުރިން ސަރުކާރުން މަސައްކަތްކުރެއްވީ މި ޚިދުމަތް މުޅި ރާއްޖެއަށް ގުލާލުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް މިޚިދުމަތް މުޅި ރާއްޖެއަށް ގުޅާލުމުގެ މަސައްކަތް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނުނިމި ލަސްވުމެއް އައީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަނގުރާމައާއި ގުޅިގެން އެކި ކަންކަމުގައި ރާއްޖެއަށް ދަތިތަކާ ކުރިމަތިވިކަމަށާއި، މިކަމުގެ ސަބަބުން ފައިސާ ޚަރަދުކުރުމުގައި އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައަޅަންޖެހުނުކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އާރްޓީއެލް ފެރީގެ ޚިދުމަތަކީ، ރައްޔިތުން ބޭނުންވާ ފެންވަރުގައި، އަވަހަށް ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

" އާރްޓީއެލް ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ގާއިމުކުރަން މަސައްކަތްކުރާކަމެއް. ކަނޑައެޅި ޓާގެޓަށް ނިންމުމުގަ ޑިލޭތަކެއް އައިއްސި. ހަނގުރާމައިގެ ހާލަތުގަ ރާއްޖެއަށް ވެސް ދިމާވި ދަތިތައް ފައިސާ ޚަރަދުކުރުމުގަ އިސްކަންދޭންޖެހޭ ތަރުތީބު ކަނޑައެޅުމުގައި. ބައެއް ކަންކަން މަޑުޖެހިފައި އެބަހުރި. އަޅުގަނޑުމެން މި ބަލަނީ އާރްޓީއެލް ޚިދުމަތަކީ ހިތްފަސޭހަ ޚިދުމަތަކަށް ހަދަން. މީހުން ބޭނުންވާ ފެންވަރުގަ އަވަހަށް ރަނގަޅަށް ދެވޭ ޚިދުމަތަކަށް ހެދުމަށް". ރައީސް ވިދާޅުވިއެވެ.

އާރްޓީއެލްގެ ޚިދުމަތް މިހާތަނަށް 15 އަތޮޅެއްގައިވަނީ ފަށާފައެވެ. މި ޚިދުމަތަށް މިހާރުވެސް 35 ލޯންޗު ބޭނުންކުރަމުން އަންނައިރު، އިތުރު 12 ލޯންޗު ބަނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށް ފަހު ދެން މަސައްކަތް ފަށާނީ އެއް އަތޮޅުން އަނެއް އަތޮޅާ ގުޅުވާލުމުގެ މަސައްކަތްކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށްއޮތްތަނުގައި އެކި ޒޯންތައް ގުޅާލުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް މީގެކުރިން ވަނީ ވިދާޅުވެފައެވެ. 2022ވަނަ އަހަރު ފެށި މި ޚިދުމަތް ރާއްޖޭގެ 145 ރަށަކަށް ދަނީ ލިބެމުންނެވެ.